ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން އިތުރު 69 ކިލޯގެ މަސްތުވާތަކެތި ހޯދައިފިއެވެ.

މި އޮޕަރޭޝަންގައި ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައިހުއްޓައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދީ މިދިޔަ އޮކްޓޯބަރު 28 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ 13 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ.

Ad
rt

ކޮމިޝަނާ އޮޕް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އޮޕަރޭޝަންގައި ހޯނޑެއްދުއާއި އަދި އެ ރަށްކައިރި ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓައި 69 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.

އެހެންކަމުން މި އޮޕަރޭޝަންގައި މިހާތަނަށް ހޯދި މަސްތުވާތަކެތީގެ އަދަދު 82 ކިލޯއަށް އަރާފައިވާކަމަށް ސީޕީ ވިދާޅުވެފަވެއެވެ. އަދި މީގެ ތެރޭގައި މެތު އަދި ހެރޮއިން ހިމެނޭ ކަމަށް ސީޕީ ވިދާޅުވި އެވެ.