މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ހަދަމުން އަންނަ ބައެއް ފްލެޓްތައް އަންނަ އަހަރުގެ މެއި މަހަށް ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ވަނީ އިއްޔެ މި ފްލެޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މީޑިއާތަކަށް ޓުއާއެއް ދީފައެވެ. މި ޓުއާގައި މިނިސްޓްރީގެ ފަރާތުން ވަނީ ނޫސްވެރިންނަށް މައުލޫމާތު ވެސް ދީފައެވެ.

Ad
rt

މިނިސްޓްރީން ބުނެފައިވާގޮތުގައި އެކި ކުންފުނިތަކާ ހަވާލުކޮށްގެން ސަރުކާރުން މާލެ ސަރަހައްދުގައި މިހާރު 6،175 ފްލެޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ ތެރެއިން 4،000 ފްލެޓަކީ މި ސަރުކާރުން އިއުލާންކޮށްފައިވާ "ގެދޮވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ ތަންތަނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީފެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، މި ސަރުކާރުން ކުންފުނިތަކާ ހަވާލުކޮށްގެން މާލެ އާއި ހުޅުމާލޭގައި 54 ޓަވަރެއް ހެދުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރު ކުރިއަށް ގެންދާ ކަމަށެވެ. އަދި މިހާރު ގިނަ ތަންތަނުގެ މަސައްކަތް ފަށާފައިވާއިރު އަންނަ މެއި މަހަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޔަގީން، ހަމަގައިމު ވެސް އަޅުގަނޑުމެން އަންނަ އަހަރު މެއި މަހާ ހިސާބަށް ދާއިރު މީގެ ތެރެއިން ބައެއް ޓަވަރުތަކަށް މީހުން ވެއްދޭނެ. އަޅުގަނޑުމެންނަށް ކޮންޓްރެކްޓަރުން އެ ވަރުގެ ޔަގީންކަން ދެއްވާ،" އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވި ގޮތުގައި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުތަކުގެ އަގު ކޮންޓްރޯލްކުރާނެއެވެ. އަދި ފެލްޓްތައް ދިނުމުގައި އަލަށް ފެލްޓް ގަންނަ މީހުންނަށް އިސްކަންދިނުމަށް ޝަރުތު ވެސް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި ހުރިހާ ފްލެޓްތަކުގެ މަސައްކަތް 2024 އަށް ނިމެނޭއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް މެނޭޖަރު އަހްމަދު ޝަމޫލް އަބްދުﷲ ވިދާޅުވީ، މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓްގެ މަސައްކަތް ކުރަނީ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެއީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާއެވެ. އެގޮތުންޝަމޫލް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ޑިސެމްބަރު 8 ގައި ޖޭއެމްސީން ހަދަން ފެށި ފްލެޓްތަކުގެ 16 އިންސައްތަ މަސައްކަތް ނިމިފައިވާއިރު މި އަހަރު ޖެނުއަރީ 18 ގައި އެންބީސީސީން ހަދަން ފެށި ފްލެޓްތަކުގެ 13.5 އިންސައްތަ ވަނީ ނިމިފައެވެ.