އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި މި ބިލު ފާސްވީ 34 މެމްބަރުންގެ ވޯޓުން ނެވެ. ބިލު ފާސްކުރަން ނުފެންނަކަމަށް ދެ މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

Ad
rt

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޑަބްލިއުޑީސީ އާއި ގުޅޭ އިސްލާހު ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވީ އަވަސް އަވަހަށް ބައި އިލެކްޝަންތައް ބާއްވަން ޖެހުމުން އުނދަގޫވެ، ބަޖެޓު ހުސްވާކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނުން ފާހަގަ ކުރައްވަމުން ގެންދަވާތީ އެވެ.

މި ބިލު ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ނެވެ.

ގާނޫނަށް ގެނައި އިސްލާހާއި އެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނީ 365 ދުވަހުގެ ތެރޭގަ އެވެ. އަދި ދެ ބައި އިލެކްޝަނެއްގެ ދެމެދުގައިވާ މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެކަމަށްވެސް ފާސްކުރި އިސްލާހުގައި ބުނެފައި ވެއެވެ.