ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާއި ކުރިމަތިލީއިރު ގްރޫޕް ޑީގައި ހިމެނޭ ހަތަރު ޓީމަށް ވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު އޮތްއިރު، މި ގްރޫޕުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ޓޮޓެންހަމާއި ފްރޭންކްފާޓުން ޖާގަ ހޯދައިފިއެވެ.
ރޭގެ ޓޮޓެންހަމާއި މާސޭ ބައްދަލުކުރި މެޗު، ޓޮޓެންހަމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މާސޭގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ވެސް މާސޭންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި، ޓޮޓެންހަމްގެ ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ އެމްބެމްބާއެވެ.
މެޗުގެ ނަތީޖާ ޓޮޓެންހަމުން އަނބުރާލާފައި ވަނީ ދެވަނަ ހާފުގައި ޖެހި ލަނޑުތަކުންނެވެ. މިގޮތުން އެ ޓީމްގެ ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި މާސޭގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ޕެރިސިޗް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޑިފެންޑަރ ކްލެމެންޓް ލޯންގްލޭއެވެ.
ޓޮޓެންހަމް މެޗުން މޮޅުވި ލަނޑު އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ކޭން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ހޮއިބިއާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތަރު މިނެޓުގެ ވެސް ފަހު ވަގުތުގައެވެ.
މި ގްރޫޕްގައި ދެން ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ފްރޭންކްފާޓާއި ސްޕޯޓިންއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ފްރޭންކްފާޓުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ސްޕޯޓިންއެވެ. މި ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އާތުރް ގޮމޭޒްއެވެ.
ފްރޭންކްފާޓުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ ކަމާޑާއެވެ. މެޗުން ފްރޭންކްފާޓް މޮޅުވެފައި ވަނީ 72 ވަނަ މިނެޓުގައި ކޯލޯ މުއާނީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި ނަތީޖާތަކާއިއެކު ގްރޫޕް ޑީގެ އެއްވަނަ ޓޮޓެންހަމަށް ލިބެނީ ކުޅުނު 6 މެޗުން ލިބުނު 11 ޕޮއިންޓާއި އެކުގައެވެ. ދެވަނަ ފްރޭންކްފާޓަށް ލިބިފައި ވަނީ 6 މެޗުން ލިބުނު 10 ޕޮއިންޓާއި އެކުގައެވެ. މި ދެ ޓީމް ދެވަނަ ބުރަށް ކޮލިފައިވީއިރު، ތާވަލުގެ ތިންވަނަ ލިބި ޔޫރޮޕާ ލީގުން ފުރުޞަތު ލިބެނީ ސްޕޯޓިންއަށެވެ. އެ ޓީމަށް ލިބިފައި ވަނީ 6 މެޗުން 7 ޕޮއިންޓެވެ. ފުލުގައި އޮތް މާސޭއަށް 6 މެޗުން ލިބިފައި ވަނީ 6 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!