އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 38 މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

2023 ވަނަ އަހަރުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެކި ރަށްތަކުގައި ގާއިމްކުރެވިފައިވާ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްކުރުމަށް ބަޖެޓުގައި ހިމެނިފައިވާނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން ޝަރުއީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ އުމްރާނީ އަދި އިންސާނީ ވަސީލަތްތައް ގާއިމުކުރުމަށް މި އަންނަ އަހަރުގެ ބަޖެޓުގައި ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށާއި މިގޮތުން އެ ދާއިރާއަށް ޖުމްލަ 701.9 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެކަމަށް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ޖަލުތަކުގެ ސިއްހީ ވަސީލަތްތައް އިތުރަށް ފުޅާކުރުމަށް ބަޖެޓުކޮށްފައިވާނެ ކަމަށާއި ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ސިފައިންނާއި ފުލުހުންނަށް 3.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް، އެކުލަވާލި 42.68 ބިލިއަން ރުފިޔާގެ ބަޖެޓެވެ.

ބަޖެޓުގެ ޖުމްލައަކީ 42,680,269,914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާ އެވެ. މިއީ މިހިނގާ 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށްވުރެ 4.0 އިންސައްތަ ދަށް އަދަދެކެވެ.