2022 ވޯލްޑް ކަޕްގައި ގްރޫޕް ޑީ ގައި ހިމެނޭ، ފްރާންސަކީ ޔޫރަޕްގެ ފުުޓްބޯޅައިގައި ވަރުގަދަ ބާރެކެވެ. އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަނުންނެވެ. ފްރާންސް އަކީ ހުނަރުން ފުރިގެންވާ ގިނަ ތަރިންތަކެއް ތިބި ގައުމެކެވެ.

ވޯލްޑް ކަޕެއްގައި ފްރާންސަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އަމިއްލަ ގައުމުގައި 1998 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕާއި އެންމެ ފަހުން 2018 ވަނަ އހަރު ރަޝިއާގައި ބޭއްވުނު ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ.

Ad
rt

ފްރާންސް ވަނީ 2006 ގެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެކަމަކު ފައިނަލްގައި އިޓަލީ އަތުން ބަލިވެފަ އެވެ. ފްރާންސަކީ 1998 ވަނަ އަހަރުން ފެށިގެން ގަވައިދުން ވޯލްްޑް ކަޕްގައި ވާދަކުރަމުން އަންނަ ގައުމެކެވެ. މިއީ ފްރާންސް ވޯލްޑް ކަޕްގައި ވާދަކުރާ 16 ވަަނަ ފަހަރެވެ.

ކޮލިފައިވީ ގޮތް

ފްރާންސް މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ގުރޫޕް ޑީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގުރޫޕްގައި ފްރާންސް ކުޅުނު 8 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވި އެވެ. ތިން މެޗު އެއްވަރުވިއިރު، މެޗަކުން ބަލިވެފައެއް ނުވެއެވެ. ފްރާންސް ގުރޫޕްގެ އެއްވަނަ ހޯދީ 18 ޕޮއިންޓާ އެކު އެވެ.

މުހިންމު ކުޅުންތެރިން

ކަރީމް ބެންޒެނާ

އުމުރުން 34 އަހަރުގެ ބެމްޒެމާއަކީ މިވަގުތު ފްރާންސް ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިއާއެވެ. އެންމެ ފަހުން ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ އަކީ ވެސް ބެންޒެމާއެވެ. އެންމެ ފަހުން ބެލޮންޑޯ އެވޯޑުވެސް ހޯދާފައިވާ ކުޅުންތެރިއާއެވެ. 2004 ވަނަ އަހަރު ލިޔޯންގެ ޔޫތް ޓީމުން ކެރިއަރު ފެށި ބެންޒެމާ ފްރާންސްގެ ޔޫތް ޓީމުތަކަށް ވެސް އެކި އުމުރުފުރާވަރުގައި ކުޅެފައިވެއެވެ. ފްރާންސްގެ ސީނިއާ ޓީމަށް ބެންޒެމާ ކުޅެން ފެށީ 2007 ވަނަ އަހަރުގައެވެ. 2010 ވަނަ އަހަރާއި 2014 ވަނަ އހަރުގެ ވޯލްޑް ކަޕް ބެންޒެމާ ކުޅުނެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ފްރާންސްގެ ޓީމާއި އެކު ބެންޒެމާ ކުޅޭ ތިންވަނަ ވޯލްޑް ކަޕެވެ. ބެންޒެމާ ވަނީ މިހާތަނަށް ފަރާންސްގެ ޓީމަށް ކުޅެދިން 97 މެޗުގައި 37 ގޯލު ޖަހައިދީފައެވެ.

ކީލިއަން އެމްބާޕޭ

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ އަކީ މިފަހަރުގެ ވޯލްޑް ކަޕުގައި ފްރާންސް ޓީމުގައި ހިމެނޭ އެންމެ ޒުވާން އަދި އެންމެ ހުނަރުވެރި ފޯވާޑެވެ. އެކަން އެމްބާޕޭ މީގެ ކުރިންވެސް ސާބިތުކޮށްދީފައިވާއިރު، އެންމެ ފަހުން 2018 ވަނަ އހަރު ދުނިޔޭގެ ޗެމްޕިއަން ކަން ފްރާންއިން ހޯދިއިރު، އެމްބާޕޭގެ ދައުރު ބޮޑެވެ. އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ މުހިންމު ގޯލުތަކެއް ވެސް އެމްބާޕޭ ކާމިޔާބު ކޮށްދީފައިވާއިރު، އެ މުބާރާތުގެ ޒުވާން އެންމެ މޮޅު ކުޅުންތެރިއާއަށް ވެސް ހޮވިފައިވަނީ އެމްބާޕޭއެވެ.
ފްރާންސްގެ ޔޫތު ޓީމަށް ކުޅުމަށް ފަހު ފްރާންސްގެ ސީނިއަރ ޓީމަށް އެމްބާޕޭ ކުޅެން ފެށީ 2017 ވަނަ އަހަރުގައެވެ. މިހާތަނަށް ކކުޅެދިން 59 މެޗުގައި 28 ގޯލު ޖަހައިދީފައިވެއެވެ.

ކޯޗު


މިފަހަރު ވެސް ފްރާންސްހެ ކޯޗަކީ ޑިޑިއަ ޑެޝޯމްޕްއެވެ. އެންމެ ފަހުން 2018 ވަނަ އހަރުގެ ވޯލްޑް ކަޕް ތަށިވެސް ފްރާންސްއިން އުފުލާލީ ޑެޝޯމްޕްގެ އިރުޝާދުގެ ދަށުންނެވެ. ޑެޝޯމްޕް ފްރާންސް ޓީމުގެ ކޯޗުކަމާއި ހަވާލުވީ 2012 ވަނަ އަހަރުގައެވެ. މީގެ ކުރިން އޭނާ ވަނީ ޔުވެންޓަސް، މޮނާކޯ އަދި މާސޭ ފަދަ ކުލަބުތަކަސް ކޯޗު ކޮށްދީފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި ވެސް ފްރާންސްގެ ޓީމާއި އެކު ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ޑެޝޯމްޕްގެ ކޯޗުކަމުގެ ދަށުން ފްރާންސް ޓީމުން މިހާތަނަށް 132 މެޗު ކުޅެފައިވާއިރު، 84 މެޗުން ވަނީ މޮޅުވެފައެވެ. 27 މެޗު އެއްވަރުވިއިރު، 21 މެޗުން ވަނީ ބަލިވެފައެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މި އަހަރުގެ ވޯލްޑް ކަޕުގައި ފްރާންސް ހިމެނެނީ ގުރޫޕް ޑީގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ޑެންމާކް ، އޮސްޓްރޭލިއާ އަދި ޓިއުނީސިއާއެވެ. ފްރާންސް އަކީ މިފަހަރުގެ މުބާރާތުގައިވެސް އަދި އެޓީމު ހިމެނޭ ގުރޫޕް ޑީގައިވެސް ފޭވަރިޓެވެ. މިއީ ފްރާންސް ދެވަނަ ބުރަށް ދިއުމަށް ފަސޭހަ ގުރޫޕެއް ކަމަށް ބެލެވެއެވެ. މި ގުރޫޕުގައި އޮތް ޓީމުތަކަށް ބަލާއިރު، ކިރިޔާވެސް ވާންކުރާނެ ޓީމަކަށް ބެލެވިފައި އޮތީ ޑެންމާކެވެ. އެހެން ކަމުން ދެވަނަ ބުރަށް ދިއުމަށް ފްރާންސްއަށް މާ ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ނުބެލެވެއެވެ.