މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ލޯގޯއާއި ދިދަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.
އެ ޖަމިއްޔާއިން ވިދާޅުވީ ލޯގޯގައި ހިމަނަންޖެހޭ ކުލަތަކަކީ ރަތް ކުލައާއި ފެހިކުލަ ކަމަށާއި މި ކުލަތަކުގެ އިތުރުން ރަތާއި ފެއްސާ ގުޅޭ އެހެން ކުލައެއް ޑިޒައިންއާ ގުޅޭނަމަ ބޭނުންކުރެވިދާނެކަމަށެވެ.
ދިހަ ހާސް ރުފިޔާގެ އިނާމެއް ލިބޭ ގޮތަށް، ލޯގޯ ފަރުމާކުރުމަށް ހުޅުވާލާފައިވާއިރު، ލޯގޯ ފަރުމާކުރުމުގައި ދިދައާ ގުޅޭގޮތަށް ފަރުމާކުރުމަށް ސަމާލުކަން ދިނުމަށާއި ދިދައާއި ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ ލޯގޯއެއް ނުވަތަ ދިދައަކަށް ވެގެން ނުވާނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ވިދާޅުވި އެވެ.
މީގެ އިތުރުން ލޯޯގޯ ފަރުމާކުރެވިފައި ހުންނަން ވާނީ ލެޓަރ ހެޑް، ބިޒްނަސް ކާޑް، ޔުނިފޯމް އަދި ޓީޝާޓުގައި ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ކަމަށާއި ލޯގޯ، ލަކުޑި ނުވަތަ ފައިބަރު ފަދަ މައުދަންތަކުގައި ފަސޭހައިން ކަނޑާ ނެގެންވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރޮދިން ފަސޭހައިން އެމްބްރޮއިޑް ކުރެވޭ ލޯގޯއަކަށް ވާން ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ޖަމިއްޔާ އިން އިތުރަށް ވިދާޅުވީ ލޯގޯއާއި ދިދަ ހުށަހަޅާއިރު، ހައި ރިޒޮލިއުޝަންގެ ހާޑް އަދި ސޮފްޓް ކޮޕީއެއް ހުށަހަޅަން ޖެހޭނެ ކަމަށާއި ލޯގޯއާއި ދިދަ ހުށަހަޅާ ފަރާތަކީ ލޯގޯއާއި ދިދައިގެ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ މީހާއަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެ ހުށަހެޅުން އެއްވަނައަށް ގޮސްފި ނަމަ ލޯގޯއާއި ދިދައިގެ ފުރިހަމަ ކޮފީރައިޓްސް މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއަށް ހަވާލުކުރުމަށް އެއްވެސް އިއުތިރާޒެއް ނެތްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ ސިޓީއެއް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.
ދިދައާއި ލޯގޯ ހުށަހެޅުމުގެ ފުރުސަތު މި ނޮވެމްބަރ މަހުގެ 24ވަނަ ދުވަހު 11:00 އާ ހަމައަށް ހުޅުވާލާފައިވާ އިރު، ލޯގޯ ހުށަހަޅާ މީހާގެ ފުރިހަމަ ނަން، އައިޑީ ކާޑު ކޮޕީ، އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ވެސް ހުށަހަޅަން ޖެހެ އެވެ.
މިތަކެތި ހުށަހަޅަން ޖެހެނީ އެ ޖަމިއްޔާގެ އީމެއިލް އަށެވެ. މިކަމާއިގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 7778070 ނުވަތަ 9992050 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!