ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާ ބޭނުން ކުރާ މީހުންގެ ތެރެއިން "ބްލޫ ޓިކް" ނުވަތަ ވެރިފައި އެކައުންޓުތަކުން މަހު ފީއެއް ނަގަން މަސައްކަތް ފަށައިފި އެވެ.

ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ދި ވާރޖްއިން ރިޕޯޓު ކުރާ ގޮތުގައި މި ބަދަލަކީ ޓުވިޓާގެ އައު ސީއީއޯ އެލޮން މަސްކުގެ ނިންމުމެކެވެ. ޓުވިޓާގެ މުވައްޒަފަކާއި ހަވާލީ އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަސްކު ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ ނިންމުން ތަންފީޒު ކުރާށެވެ.

Ad
rt

އެގޮތުން ބްލޫ ޓިކް ނުވަތަ ވެރިފައިޑް އެކައުންޓުތަކުން ފައިސާ ދައްކަން ޖެހޭ ގޮތަށް އެ ނެޓްވޯކްގެ ފީޗާސްތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސް މިމަހުގެ ހަތް ވަނަ ދުވަހަށް ނިންމަން ޖެހޭނެ ކަމަށް މުވައްޒަފުންނަށް އަންގާފައިވާކަމަށްވެ އެވެ. އަދި އެ ދުވަހަށް މަސައްކަތް ނުނިންމޭނަމަ ވަޒިފާ އާއި މެދު ވިސްނުމަށް ފާޑަކަށް އިންޒާރުކޮށްފައިވާ ކަމަށް މުވައްޒަފު ބުންޏެވެ.

އެ ފީޗާ ބޭނުން ކުރަން ފެށުމުގެ ކުރިން ވެރިފައިޑް ހުރިހާ އެކައުންޓުތަކަކަށް 90 ދުވަހުގެ މުހުލަތެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ފަހުން އެފަދަ އެކައުންޓުތަކުގައި ބްލޫ ޓިކް އިންނާނީ ފީދައްކަން އެއްބަސްވާ ނަމަ އެވެ.

މަސްކް ކަނޑައަޅާފައިވަނީ ވެރިފައިޑް އެކައުންޓުތަކުން 19.99 އެމެރިކާ ޑޮލަރުގެ ފީއެއް ނަގާށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 308.24 އެވެ. މިގޮތަށް ހަދަން ނިންމީ އެފަދަ އެކައުންޓުތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށްދީ މިހާރަށްވުރެ ހަރުދަނާ ކުރުމަށެވެ.

މަސްކް ބުނެފައިވާ ގޮތުގައި މިހާރު ކޮންމެ މީހަކަށްވެސް ވެރިފައިޑް އެކައުންޓެއް ހަދާލަން މާ ބޮޑު ކަމެއް ކުރަން ނުޖެހޭ ގޮތަށް އޮތުމަކީ އޮޅުވާލައިގެން އެކައުންޓުތައް ގެންގުޅުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

އޭނާ މަގާމާއި ހަވާލުވުމުގެ ކުރިންވެސް ވަނީ ޓުވިޓާގައި ހުރި މިފަދަ ފީޗާސްތަކުން އެ ކުންފުންޏަށް ފައިދާ ލިބޭނެ ގޮތެއް ހަދާނެ ކަމަށްބުނެފައި އެވެ.

ޓުވިޓާއިން މިފަދަ ފީޗާއެއް މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ތައާރަފުކޮށްފައިވެ އެވެ. "ޓުވިޓާ ބްލޫ" ގެނަމުގައި ތައާރަފު ކުރި ފީޗާ އިން ހޯމް ޕޭޗުގެ ކުލަ ބަދަލުކޮށް، ކުރީގެ ޓުވީޓުތައް އަންޑޫކޮށް، ބައެއް ނޫސްތަކުގެ ހަބަރުތައް އިޝްތިހާރަކަށް ނުގޮސް ކިޔާލެވެ އެވެ.

ޓުވިޓާއަށް ކުރިޔަށް އޮތްތާ ބޮޑެތި ބަދަލުތަކެއް އަންނާނެކަން މަސްކް ހަވާލުވިތާ ދެތިން ދުވަސް ތެރޭގައި ވަނީ ދައްކާލަން ފަށާފައި އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ބަދަލަކަށް ވެގެންދާނީ ޓުވިޓާ ބޭނުން ކުރާ މީހުން ފައިސާ ދައްކައިގެން ބޭނުން ކުރެވޭ މުހިންމު ފީޗާތަކެއް ތައާރަފު ކުރުން ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.