މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ ހަލީމް އައްޔަން ކުރައްވައިފި އެވެ.

އެ އޮފީހުގެ އެކްޓިންގ ސީއީއޯގެ މަގާމުގައި ހުންނެވި ސުޖާތާ، ސީއީއޯގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޕެންޗަނާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ.

Ad
rt

2015 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަގާމް އަދާ ކުރައްވާފައިވާ ސުޖާތާއަކީ ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފް ކުރަން ކުރި މަސައްކަތުގެ އެންމެ ކުރީ ސަފުގައި މެދުނުކެނޑި 16 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށް ވެސް ޕެންޝަން އޮފީހުން ވިދާޅުވި އެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުން ކުރިޔަށް ގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގުމާއި ޕެންޝަނާ ބެހޭ ގާނޫނު އެކުލަވައިލައި ތަންފީޒު ކުރުމުގައި ވެސް އޭނާ އިސް ރޯލެއް އަދާ ކުރެއްވި ކަމަށާއި އެ އޮފީހުގެ އަމާޒަކީ ސުޖާތާ ހަލީމްގެ އިސްނެންގެވުމުގެ ދަށުން ޕެންޝަން އޮފީސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެން ދިއުން ކަމަށެވެ.

ޕެންޝަން އޮފީހުގައި ކުރިން ސީއީއޯގެ މަގާމުގައި ހުންނެވި ޖޯން ގްރިންޑަލް އެ މަގާމުން ވަކި ކުރައްވާފައިވަނީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ފެންމަތިވުމަށް ފަހުއެވެ.