އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ހޭމް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 38 ވަނަ މިނެޓުގައި އެރިކްޝަން ވެސްޓް ހޭމްގެ ގޯލު ކުރުމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ރަޝްފޯޑެވެ.

Ad
rt

މިއީ އުމުރުން 25 އަހަރުގެ އިނގިރޭސި ފޯވާޑް ރަޝްފޯޑް ޔުނައިޓެޑަށް ޖަހައިދިން 100 ވަނަ ލަނޑެވެ. މި އަދަދަށް އޭނާ ލަނޑު ޖަހާފައި މި ވަނީ ޔުނައިޓެޑަށް ކުޅެދިން 318 މެޗުންނެވެ.

މި މެޗުގެ ފުރަތަމަ އެގާރައިން ޔުނައިޓެޑްގެ ކޯޗް އެރިކް ޓެން ހާގް ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރުޞަތު ދީފައެވެ. ނަމަވެސް މި މެޗުގައި ވެސް ރޮނާލްޑޯގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިފައި ނުވެއެވެ.

މެޗުގެ ފަހުކޮޅު ވެސްޓް ހޭމުން ވަނީ ޓީމް ކުރިއަށް ޖައްސައި ލަނޑެއްޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިގޮތުން އެޓީމުން ވަނީ މެޗުގެ ފަހުކޮޅު ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ވެސްޓް ހޭމްގެ ފޯވާޑް އެންޓޯނިއޯ ފޮނުވާލި ބާރު ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑެހެއާ މަތަކުރިއިރު، ވެސްޓް ހޭމްގެ ޑިފެންޑަރ ޒޫމާ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއާއި، އޭރިއާ ބޭރުން ރައިސް ފޮނުވާލި ހަމަލާ ވެސް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑެހެއާ ވަނީ ދިފާއު ކޮށްފައެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ޔުނައިޓެޑްގެ މެކްޓޮމިނޭ ވެސްޓް ހޭމްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ފްރެޑް ބޮލުން ފޮނުވާލިއިރު އެ ބޯޅަ އަމާޒުވެފައި ވަނީ ގޯލުގެ ދަނޑިއަށެވެ.

މި މޮޅާއިއެކު ކުޅުނު 12 މެޗުން ލިބުނު 23 ޕޮއިންޓާއިއެކު ޔުނައިޓެޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 5 ވަނާގައެވެ. މެޗުން ބަލިވި ވެސްޓް ހޭމް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 13 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 13 މެޗުން 14 ޕޮއިންޓެވެ.

މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ރޭ ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް 5-0 ގެ ނަތީޖާއިން ކުރި ހޯދި އާސެނަލްއެވެ. އާސެނަލް އެއްވަނާގައި އޮތީ 12 މެޗުން ލިބުނު 31 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި މެންޗެސްޓާ ސިޓީ އޮތީ 12 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.