ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

ރެއާލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތައް ލިބިފައެވެ. މިގޮތުން މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފޯވާޑް ރޮޑްރިގޯ ފިނުވާލި ހަމަލާއެއް ޖިރޯނާގެ ގޯލުގެ ދަނޑިއަށް އަމާޒުވީއުރު، ޖިރޯނާގެ ހެރޭރާ ފޮނުވާލި ބާރު ހަމަލާއެއް ވަނީ ރެއާލުގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ރެއާލުންނެވެ. މި ލަނޑު 70 ވަނަ މިނެޓުގައި ވަލްވަޑޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސްއެވެ.

މެޗުގެ ނަތީޖާ ޖިރޯނާއިން ހަމަހަމަ ކޮށްފައި ވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނެޓަށްވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން، އެ ޓީމްގެ ސްޓުއާނީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ޕެނެލްޓީއަކީ ޖިރޯނާއަށް ލިބުނު ހިލޭ ޖެހުމަކުން ރެއާލްގެ އޭރިއާތެރެއަށް ކުޅުނު ބޯޅަ ދިފާއުކުރުމަށް މަސައްކަތް ކުރުމުގެ ތެރޭ އެ ޓީމްގެ އެސެންސިއޯގެ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރުން ބެލުމަށް ފަހު ދިން ޕެނަލްޓީއެކެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭ ރެއާލްގެ ތަޖުރިބާކާރު މިޑްފީލްޑަރ ޓޯނީ ކްރޫސްއަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑް ދައްކާފައެވެ. މިއީ ކްރޫސްގެ ދިގު ފުޓްބޯޅަ ކެރިއާގައި އޭނާއަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ރެއާލް ވަނީ އަލުން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ރެއާލަށް 12 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ބާސާއަށް ލިބިފައި ވަނީ 12 މެޗުން 31 ޕޮއިންޓެވެ. ރެއާލް މި ސީޒަންގައި ލީގުގައި މިހާތަނަށް ކުލުނު 12 މެޗުން ވެސް ބަލިވެފައި ނުވެއެވެ. ޖިރޯނާ މިވަގުތު އޮތީ ތާވަލުގެ 16 ވަނާގައެވެ. އެ ޓީމަށް 12 މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ.