ޔޫކްރެއިން ހިފަން ކުރަމުންދާ ހަނގުރާމަ ޝަރުތުތަކަކާއި އެކު ހުއްޓާލާނެ ކަމުގެ އިޝާރާތެއް ރަޝިއާއިން ދީފި އެވެ.
އަސްކަރީ ހާއްސަ އޮޕަރޭޝަންގެ ނަމުގައި ޔޫކްރެއިން ހިފުމަށް ރަޝިއާއިން ހަނގުރާމަ ފެށީ މިދިޔަ ފެބްރުއަރީ 24 ވަނަ ދުވަހު އެވެ. ހަނގުރާމައިގަ ދެ ގައުމަށް ކުރިއެރުންތަކެއް ލިބުނު ނަމަވެސް ރަޝިއާއިން އުންމީދު ކުރިގޮތަށް މިހާ ދުވަސްވީއިރުވެސް ޔޫކްރެއިންގެ ކޮންޓްރޯލް ނެގިފައެއް ނުވެ އެވެ.
ރަޝިއާގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް ވިދާޅުވީ ރަޝިއާއިން ކަނޑައަޅާ މައިގަނޑު ދެ ޝަރުތަކަށް އެއްބަސްވާންޖެހޭނީ ހުޅަނގުގެ ގައުމުތަކުން ކަމަށެވެ. އަދި އެ ގައުމުން އަބަދުވެސް އޮތީ ހުޅަނގާއި އެކު މަޝްވަރާގެ މޭޒުގައި އިށީންނަން ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރެއިން ފުރަތަމަ ޝަރުތަކީ ދި ނޯތް އެތްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) އިން ޔޫކްރެއިންގެ އަސްކަރީ ކަންކަމާއި ގުޅޭގޮތުން ވާހަކަ ނުދެއްކުންކަން ފާހަގަކޮށް ލަވްރޮވް ވިދާޅުވީ ނޭޓޯއަކީ ރަޝިއާގެ ސަލާމަތަށް އޮތް ނުރައްކަލަކަށް ނޭޓޯ ވެފައިވާ ކަމަށެވެ. ނޭޓޯއިން ރަޝިއާ ހިމެނޭ ސަރަހައްދުގެ ގައުމުތަކަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް ޝަރުތު ކުރެއެވެ.
އޭގެ ތެރޭގައި ޔޫކްރެއިން މައްސަލަ އާއި ރަޝިއާ އާއި ބޯޑަރު ހިއްސާ ކުރާ ފިންލެންޑުގެ މައްސަލައިގެ ތެރެއަށްވެސް ނުވަނުމަށް ޝަރުތު ކުރެ އެވެ. ފިންލޭންޑުން ދަނީ ބޯޑަރު މައްސަލައިގަ ރަޝިއާ ނުފޫޒުން ސަލާމަތްވުމަށް ނޭޓޯ އާއި ގުޅުމަށް މަސައްކަތް ކުރަމުންނެވެ. ޔޫކްރެއިނުންވެސް މިހާރު ދަނީ އެ ޖަމާއަތާއި ގުޅުމަށް މަސައްކަތް ކުރަމުންނެވެ.
ހަނގުރާމަ ހުއްޓާލުމަށް އެދި ހުޅަނގުގެ ގައުމުތަކުން މަޝްރަހު ފިނިވާނެ ވަރުގެ ހުށަހެޅުންތަކެއް ހުށަހަޅަން ޖެހޭނެ ކަމަށް ލަވްރޮވް ވިދާޅުވި އެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
އޭގެ ބަދަލުގައި ވިދާޅުވީ އެމީހުންގެ ހުށަހެޅުން ވާން ޖެހޭނީ ޔޫކްރެއިން އަދި ރަޝިއާއަށްވެސް ފައިދާ ކުރާ ހަމަހަމަ ހުށަހެޅުމަށް ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯ ވިދާޅުވެފައިވަނީ ޔޫކްރެއިން މައްސަލައަށް ހައްލެއް ގެންނަން ބޭނުން ނަމަ އެންމެ ފުރަތަމަ މަޝްވަރާ ކުރަންޖެހޭ ގައުމަކީ އެމެރިކާ ކަމަށެވެ.
މި މައްސަލައިގަ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މީގެ ކުރިން ވިދާޅުވީ އެ ގައުމުންވެސް މަޝްވަރާގެ މޭޒަށް ދާނީ ޝަރުތުތަކަކާއި އެކު ކަމަށެވެ. އެއީ ޔޫކްރެއިންގެ ސަރަހައްދު ވަކިކޮށް، ބޯޑަރުތަކަށް ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ ޔަގީން ކަމާއި ރައްޔިތުންނަށް ނުރައްކަލެއް ނެތްކަން ޔަގީންވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އަދި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގަވައިދުތަކަށް ރަޝިއާއިން ހުރުމަތްތެރިކޮށް ހިތާނެ ކަމުގެ ޔަގީންކަން ލިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޖޯ ބަައިޑެންގެ ސަރުކާރުން ހަނގުރާމަ ހުއްޓާލުމާއި ގުޅޭގޮތުން ބުނެފައިވަނީ ޔޫކްރެއިންއިން ހަނގުރާމަ ހުއްޓޭނެ ކޮންމެ މަޝްވަރާއަކަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. އަމިއްލަ ގައުމުގެ ސަލާމަތަށްޓަކައި މައްސަލަ ހައްލުވާން އޮތް ގޮތަކަށް ބަލައި ގޮތް ދޫކުރުންވެސް މުހިންމު ކަމަށް ބުނެފައިވެ އެވެ.
ރައީސް ބައިޑެން އާއި ހުޅަނގު ގައުމުތަކުން މިމަހު ކުރީކޮޅު ޔޫކްރެއިން ރައީސަށް ފޮނުވި ސިޓީއެއްގައިވެސް ވަނީ މަޝްވަރާއަށް އިސްކަން ދިނުމަށް ގޮވާލާފައި އެވެ. އަދި އެގައުމުތަކުން ޔޫކްރެއިނަށް އެހީވުމުގައި ދެމި ތިބޭނެ ކަމަށް ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!