ރަޝިއާގެ ޗާޓަރު އެއާލައިނެއް ކަމަށްވާ، އަޒުރު އެއާގެ ދަތުރުތައް އަނެއްކާ ވެސް ރާއްޖެއަށް ފަށައިފި އެވެ.
މި އެއާލައިން ރަޝިއާގެ ވެރިރަށް މޮސްކޯއިން، ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މި އެއާލައިން ހަފްތާގެ ހަތް ދުވަހުވެސް ރާއްޖެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، މިދަތުރުތަކުގައި ބޭނުން ކުރަނީ ބޮއިން 767 މަރުކާގެ 336 މީހުންގެ ޖާގައިގެ ބޯޓު ތަކެވެ.
ރާއްޖެގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ރަޝިއާގެ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ސިނާއަތެކެވެ. ރަޝިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ދަތުރުކުރާ މި އެ އާލައިންގެ ދަތުރުތައް ޔޫކްރެއިން-ރަޝިއާ ހަނގުރާމައާ ގުޅިގެން މިދިޔަ މާޗު މަހު ތެރޭގައި މެދު ކަނޑާލިއެވެ.
ރަޝިއާގެ އަޒުރު އެއާގެ ދަތުރުތައް ފަތުރުވެރިކަމުގެ ސީޒަނާއި ދިމާކޮށް އަލުން ރާއްޖެއަށް ފެށިއިރު، އެ ގައުމުގެ ގައުމީ އެއާލައިން، އެއިރޯފޮލޮޓުން ވެސް އަންނަނީ ރާއްޖެއަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!