ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ދާދިފަހުން ހެޔޮބަދަލު ގެނައި ނަމަވެސް އެ ދާއިރާއިން ރިޓަޔާވާ މީހުންގެ އުސޫލަށް ގެނައި ބަދަލާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިޙުއަށް ފެޓިޝަނެއް ހުށަހަޅައިފި އެވެ.
560 މީހުންގެ ސޮޔާއެކު ހުށަހެޅި މި ޕެޓިޝަނުގައި އާންމުގޮތެއްގައި ސޮއިކޮށްފައިވަނީ މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ ޓީޗަރުން ނެވެ. އެހެންނަމަވެސް ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގެ ޓީޗަރުން ވެސް މި ޕެޓިޝަނުގައި ސޮއިކޮށްފައި ވެއެވެ.
އެ ޕެޓިޝަންގައި ފާހަގަކުރައްވާފައިވާ ގޮތުގައި މި އޮނިގަނޑުގައި 55 އަހަރުން މަތީގެ އުމުރުގެ މީހުން ހިމަނައި، މަހު އިނާޔަތް ލިބޭގޮތަށް ރިޓަޔަރވުމަށް 6 މަސްދުވަހުގެ ފުރުޞަތު ފަހިކޮށްދީފައިވީނަމަވެސް ރިޓަޔަރ ކުރަންޖެހެނީ މިހާރު ލިބެމުންދާ މުސާރައިގެ ބަދަލުގައި ކުރިންހުރި މަގާމުގައި ލިބުނު މުސާރައިންކަން ފާހަގަކުރައްވާފައި ވެއެވެ.
އެހެންކަމުން ރައީސް ވެވަޑައިގަތް ވަޢުދާ އެއްގޮތަށް ތައުލީމީ ދާއިރާގެ މުއައްޒަފުންގެ މުސާރަ ބޮޑުވި ނަމަވެސް ޕެންޝަން ފައިސާއާއި އެހެނިހެން ބައެއްކަންކަން އެވަޢުދާ އެއްގޮތަށް ހިނގަމުން ނުދާކަން އެ ޕެޓިޝަންގައި ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން އޮނިގަނޑު ތަންފީޒު ކުރެވުނު އިރުވެސް ބައެއް މުވައްޒަފުންނަކީ 40 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތުގައި ވަޒީފާ އަދާކޮށްފައި ތިބި ބައެއްކަމަށާއި އެހެންނަމަވެސް އިނާޔަތް ދޭންވުމުން އެ މުވައްޒަފުންގެ ޚިދުމަތް 30 އަހަރަށް ބަދަލުވާގޮތަށް މި އޮނިގަޑުގައި އޮންނަ އޮތުމަކީ ވެސް ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ހަމަމިއާއެކު އެ ޕެޓިޝަންގައި ދައުލަތުގެ ޕޭ ފްރޭމް ވާރކްގެ ގޮތުގައި މި އޮނިގަނޑުގައި ވަކިބަޔަކު ހިމަނައި، އޮނިގަނޑު ތަންފީޒު ކުރަން ފެށުމަކީ އޮނިގަނޑަށް ކިޔާނަމާއި ތަންފީޒުކުރާ ގޮތާ ފުށުއަރާކަމެއްކަމަށާއި އޮނިގަޑުގައި ސިވިލް ސާރވިސްގެ ވަކި ބަޔަކު ހިމަނައި އެބަޔަކަށް އެކަނި އޮނިގަނޑު ތަންފީޒު ކުރަން ފެށުމަކީ ބޭ އިންސާފެއްކަމަަށް ވެސް ފާހަގަކުރައްވާފައި ވެއެވެ. އަދި އޮނިގަނޑު ތަންފީޒުކުރަންވާނީ ސިވިލް ސާރވިސް ހުރިހާ މުއައްޒަފުންނަށްކަމުގައި ދެކޭކަމަށް މިކަންބޮޑުވުންތަކުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ގިނަ ކަންބޮޑުވުންތަކެއް ހިމެނޭ މި އޮނިގަނޑުގައި އިންސާފުވެރިނޫން އެތައްކަމެއް ހިމެނިފައިވާތީ މިކަންކަމަށް އިންސާފު ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަމަށް ވެސް މި ޕެޓިޝަނުގައި އިސްކޮށް އުޅެމުންދާ ފަރާތްތަކުން ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!