ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ޖެހޭގޮތް ހެދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ފާސް ނުކުރަން އެ ބިލު ދިރާސާ ކުރުމަށް ފޮނުވި ލާމަރުކަޒީ ކޮމިޓީން ނިންމައިފި އެވެ.
މިއީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި ބިލެކެވެ. އޭނާ މި ބިލު ހުށަހެޅުއްވީ އަވަސް އަވަހަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުން އެކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުވެ، ދައުލަތުގެ ހަރަދު ބޮޑުވަމުންދާތީ އެވެ.
އޭނާ ހުށަހަޅުއްވާފައިވަނީ އެ އިންތިހާބުތައް ބާއްވާނީ އެއިން ކައުންސިލެއްގެ ނުވަތަ ކޮމިޓީއެއްގެ ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން 365 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއް ގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ގާނޫނުގައި މިހާރު އޮންނަނީ ކައުންސިލް އަދި ޑަބްލިޔުޑީސީން ހުސްވާ ގޮނޑިއަށް މީހަކު އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ ބައި-އިލެކްޝަންތައް 60 ދުވަހުގެ ތެރޭގައި ބާއްވަންވާނެ ކަމަށެވެ.
ބިލުގައި މިހާރު އޮތް އިސްލާހުތަކާއެކުއެކީ ގެންނަން ޖެހޭ އިސްލާހުތަކެއް އެބަހުރި ކަމަށާއި އެ ބިލާބެހޭގޮތުން މަޖިލިސް ތަޅުމުގައި މެންބަރުން ފާޅުކުރެއްވި ހިޔާލުތަކަށް ރިއާޔަތް ކުރާއިރު، ބައި އިލެކްޝަން ބޭއްވުމާ ގުޅޭ މާއްދާތަކަށް އިސްލާހު ގެނައުމަކީ މިވަގުތަށް މުހިއްމު ކަމެއް ނޫން ކަމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ބައިއިލެކްޝަން ބޭއްވުމާ ގުޅޭ ގޮތުން ބިލުގައި ހިމެނޭ އެންމެހައި މާއްދާތައް އުނިކުރުމަށް ކޮމެޓީގެ އިއްތިފާގުން ނިންމާފައިވާތީ، ބިލުގެ މަގުސަދު ގެއްލިފައިވާ ކަމަށާއި އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ކޮމެޓީ މެންބަރުންގެ އިއްތިފާގުން ނިންމައި ބިލު މިހާރުވަނީ މަޖިލިސް ތަޅުމަށް ފޮނުވާފަ އެވެ.
މިދިޔަ އަހަރު، އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި-އިލެކްޝަނާއި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 20 ބައި-އިލެކްޝަން ބާއްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފަ އެވެ. އަދި އިންތިހާބުތަކަށް އެ ކޮމިޝަނަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ އިރު، އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވައިގެން މި އަހަރު މިހާތަނަށް 1.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އީސީން ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!