އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސ) ީއިން ކުރާ އެއްވެސް ކަމަކަށް، އަދި ކުރާ ތަޙުޤީޤަކަށް ވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" މަހާސިންތާ ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކޮރަޕްޝަނާއި ދެކޮޅަށް މިސަރުކާރުން ކުރެއްވި މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ މިނިވަން މާޙައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ.
މިގޮތުން ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، އަދި ކުރާ ތަޙުޤީޤަކަށްވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މިސަރުކާރަށް 4 އަހަރު ފުރެންދާއިރު، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަން ފާހަގަކުރައްވައި އެކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް، ބައިނަލްއަޤުވާމީ މުޖްތަމަޢުން މިއަދު ބަލައިގަންނަކަމަށެވެ. ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް، ފަރުވާ ބޭނުންވެފައިވާ އެންމެބޮޑު ބަލިކަމަށާއި، އެބައްޔަށް އޮތް ޝިފާއަކީ، ހާމަކުރުމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަތުން ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު ފެށި މި މަހާސިންތާ އާއި ގުޅޭ ގޮތުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަނުގެ ހިރާސްތައް ދެނެގަނެ، ނަޒާހަތްތެރިކަމާއެކު ހިންގުމުގެ ނިޒާމް ބައްޓަން ކުރުމުގެ މައްޗަށް މިފަހަރުގެ މަހާސިންތާ އަމާޒުކޮށްފައިވުމީ، މި މަހާސިންތާގެ މުހިންމުކަން އިތުރުވެގެންދާ ކަމެއް ކަމަށެވެ. މީގެ އިތުރުން މި މަހާސިންތާއިން ފުރޭނިގެން އަންނަ ޚިޔާލުތަކާއި ހުށަހެޅުންތަކަށް ސަރުކާރުން މަރުޙަބާ ކިޔާނެ ކަމުގައިވެސް ވިދާޅުވިއެވެ،
"އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022"، މަހާސިންތާއަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މަހާސިންތާއެކެވެ. މިމަހާސިންތާގައި ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުންނާއި، ސަަރުކާރުގެ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!