މިފަހަރުގެ ވޯލްޑް ކަޕަކީ، ޑެންމާކް ވާދަކުރާ ހަވަނަ ވޯލްޑް ކަޕެވެ. 2022 ވޯލްޑް ކަޕްގައި ގްރޫޕް ޑީ ގައި ހިމެނޭ، ޑެންމާކް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވީ 1986 ގަ އެވެ. އެ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދި އެވެ.

އޭގެ ފަހުން 1998، 2002 އަދި 2010 އަދި 2018 ގެ ވޯލްޑް ކަޕްގައި ވެސް ޑެންމާކް ވާދަކުރި އެވެ. މީގެ ތެރެއިން 1998 ގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، 2018 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް އެޓީމުން ދަތުރުކުރިއެވެ. ޑެންމާކަށް ވޯލްޑް ކަޕުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ 1998ގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ.

Ad
rt

ކޮލިފައިވީ ގޮތް

ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ޑެންމާކް ހިމެނުނީ ގުރޫޕް އެފްގަ އެވެ. މިއީ ނިސްބަތުން ޑެންމާކަށް ފަސޭހަ ގުރޫޕަކަށް ވިއެވެ. އެ ގުރޫޕް ޑެންމާކް ނިންމާލީ އެއްވަނައިގައެވެ. ޑެންމާކްގެ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗު ކާމިޔާބު ކޮށް އެއް މެޗުން ބަލިވެގެން 27 ޕޮއިންޓާއި އެކުގައެވެ.

މުހިންމު ކުޅުންތެރިން

ކްރިސްޓިއަން އެރިކްސަން

އިނގިރެސި ޓީމް ޓޮޓެންހަމް ހޮޓްސްޕާގައި ވިދާލާފައިވާ އެރިކްސަން އަކީ މި ވަގުތު ޑެންމާކްގައި ހުރި އެންމެ މަޝްހޫރު މިޑްފީލްޑް ކުޅުންތެރިޔާ އެވެ. އަދި އެ ގައުމުގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ލިސްޓުން މިހާރު ވެސް ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ. އަޔަކްސް އިން ޔޫރަޕްގައި ފާހަގަވި އެރިކްސަން ޓޮޓެންހަމް އަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އޭގެ ފަހުން އިޓަލީގެ އިންޓަމިލާނުގައި ހޭދަކުރުމަށް ފަހު އޭނާ ދެން ބަދަލުވީ ބްރެންޓްފޯޑަށެވެ. އެ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ފަހު އޭނާ މިހާރު ކުޅެމުން އަންނަނީ މެންޗްޗެސްޓަރ ޔުނައިޓެޑަށެވެ. އެޓީމުގައިވެސް އެރިކްސަން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޑެންމާކްގެ ގައުމީ ޓީމަށް އެރިކްސަން ކުޅެން ފެށީ 2007ގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ގައުމީ ޓީމަށް 117 މެޗު ކުޅެދީ 39 ގޯލު ޖަހައިދީފައެވެ.

ސިމައިމަން ކެޔާ

ޑެންމާކްގެ ކެޕްޓަނަކީ އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ އުމުުރުން 33 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރު ސައިމަން ކެޔާ އެވެ. ކެޔާ އަކީ މިވަގުތު ޑެންމާކް ޓީމުގެ ފަހަތުގެ މައި ތަނބެވެ. ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބުތަކަށް އޭނާ ކުޅުނެވެ. އޭގެ ތެރޭގައި ޕަލެރްމޯ، އެޓަލާންޓާ، ލިލް، ފެނަބާޗޭ، ސެވިއްޔާ ފަދަ ކުލަބުތައް ހިމެނެއެވެ. ޑެންކާގެ ގައުމީ ޓީމަށް ކިޔޭ ކުޅެން ފެށީ 2008 ވަނަ އަހަރެވެ. މިހާތަނަށް 121 މެޗު ކުޅެފައިވާއިރު، ފަސް ގޯލުވެސް ޖަހައިދީފައިވެއެވެ.

ކޯޗު

ކެޝްޕާ ހުލްމަންޑް ވަނީ ކުޅުންތެރިއެއްގެ ގޮތުގައި 1987 ވަނަ އަހަރުން ފެށިގެން ޑެންމާކުގެ ކްލަބުތަކަށް ކުޅެފައެވެ. ނަމަވެސް ކުލަބު ފެންވަރުގައި ކެސްޕާއަށް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

ޑެންމާކް ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ހުލްމަންޑް ވަނީ ޑެންމާކުގެ ކްލަބުތަކަކާއި ޖަރުމަންގެ އެފްއެސްވީ މައިންޒްއަށް އިރުޝާދު ދީފައެވެ. ނަމަވެސް އެ ކްލަބުތަކާއެކު އޭނާއަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ. ކެޝްޕާ ޑެންމާކްގެ ގައުމީޓީމާއި ހަވާލުވީ 2020 ވަނަ އަހަރުގައެވެ. ޓީމާއި ހަވާލުވެ އެ އަހަރު އޮތް ޔޫރޯ މުބާރާތުގައި ޑެންމާކް ޓީމަށް އިރުޝާދު ދިނީ ކެޝްޕާއެވެ. އޭނާގެ އިރުޝާދުގެ ދަށުން ޑެންމާކް ވަނީ އެ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ. ކެޝްޕާގެ އިރުޝާދުގެ ދަށުން ޑެންމާކް މިހާތަނަށް 32 މެޗު ކުޅެފައިވެއެވެ. އޭގެތެރެއިން އެޓީމު ބަލިވީ އެންމެ އަށް މެޗުންނެވެ. ދެ މެޗުން އެއްވަރުވިއެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މި އަހަރުގެ ވޯލްޑް ކަޕުގައި ޑެންމާކް ހިމެނެނީ ގުރޫޕް ޑީގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ފްރާންސް ، އޮސްޓްރޭލިއާ އަދި ޓިއުނީސިއާއެވެ. ފްރާންސް އަކީ މި ގުރޫޕް ފޭވަރިޓައް ވެފައިވާއިރު، ޑެންމާކަކީ މި ގުރޫޕުގެ ދެވަނަ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައިވާ ޓީމެވެ. އެހެން ކަމުން ޑެންމާކަށް މިއީ މާ އުނދަގޫ ގުރޫޕަކަށް ވެދާނެހެން ހީއެއްނުވެއެވެ.