މުޅި ދުނިޔޭގައި ވެސް މިހާރު އިންވެސްޓްމަންޓަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށާއި ވަކިން ހާއްސަކޮށް ފައިނޭންސް ހޯދުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

Ad
rt

މައުސޫމް ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީގެ %46 ހިއްސާކުރަނީ ފަތުރުވެރިކަން ކަމަށާއި 1980 ވަނަ އަހަރު ޖީޑީޕީ ޕަރ ކެޕިޓަރއަކީ 275 ޑޮލަރު ކަމަށެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު މި އަދަދު 10،540 ޑޮލަރަށް އަރާފައިވާ ކަމަށާއި މިކަމުގައި ފަތުރުވެރިކަމުގެ ސިނާއަތް ބޮޑު ދައުރެއް އަދާކުރާކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން އަހަރެމެން ވިސްނަންވީ ޤައުމަށް ފައިދާ ކުރާނެ ފަދަ ގޮތަކަށް ކަމަށާއި ބައެއް ފަހަރު އެއީ އެންމެ މަޤްބޫލު ކަމަށް ނުވެދާނެ ކަމަށާއި ބޭނުންވަނީ ރާއްޖޭގެ ވިޔަފާރިތައް ރާއްޖޭގެ ކުންފުނިތަކުން އޮޕަރޭޓްކުރަން ކަމަށް މައުސޫމް ވިދާޅުވި އެވެ.

އެހެންނަމަވެސް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ރާއްޖެ އައިސް އިންވެސްޓްކުރުމަށް ބާރުއަޅަންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ޤާނޫނުތަކާއި ޤަވައިދުތައް އިންވެސްޓަރުންނަށް ފަހިވާނެގޮތައް ބައްޓަންކޮށްދިނުމަށް މަޖިލީހުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ.

މި ރަސްމިއްޔާތުގައި، ވިޔަފާރިތަކުން ކުރާ މަސައްކަތް ފާހަގަކޮށް މިކަމަށް ބާރުއެޅުމުގެ ގޮތުން ތައާރަފްކޮށްފައިވާ މޯލްޑިވްސް އީއެސްޖީ ރިޕޯޓިންގ އެވޯޑް ތައާރަފްކޮށްފަ އެވެ.