2022 ވޯލްޑް ކަޕްގައި ގްރޫޕް ސީ ގައި ހިމެނޭ، ސައުދީ އަރަބިއްޔާ ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވީ 1994 ވަނަ އަހަރެވެ. އެ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރަށް ސައޫދީ ކޮލިފައިވި އެވެ. މިއީ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އޭގެ ފަހުން 1998، 2002 އަދި 2006ގެ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ ވާދަކުރި ނަމަވެސް، ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭ ގޮތެއްނުވި އެވެ.

ކޮލިފައިވީ ގޮތް

Ad
rt

ސައުދީ އަރަބިއްޔާ ވޯލްޑް ކަޕަށް ކޮލިފައިވީ އޭސިއަން ކޮލިފައިންގެ ތިން ވަނަ ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ވަރުގަދަ ގައުމުތަކެއް ވާދަކުރި މި ގުރޫޕުގެ އެއްވަނަ ސައުދީ އަރަބިއާއި ހޯދީ ކޮލިފައިން ތިންވަނަ ބުރުގައި އެޓީމު ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުކާމިޔާބު ކޮށްގެންނެވެ. އެއް މެޗުން ބަލިވި އިރު، ދެމެޗުން ވަނީ އެއްވަރުވެފައެވެ. މި ގުރޫޕުގެ އެއްވަނަ ސައުޑީން ހޯދީ 23 ޕޮއިންޓާއި އެކުގައެވެ.

މުހިންމު ކުޅުންތެރިން

ޔާސިރް އަލް ޝަހްރާނީ

ތަޖުރިބާކާރު ޑިފެންޑަރ ޔާސިރު އަލް ޝަހްރާނީ އަކީ ސައުދީ އަރަބިއްޔާގެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ސައުދީގެ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލީއަށް ކުޅެމުން އަންނަ ޝަހްރާނީ ފުޓްބޯޅަ ކެރިއަރުފީ 2010 ވަނަ އަހަރު ސައުދީގެ އަލް ޤަދިސިޔަ އިންނެވެ. އޭގެ ފަހުން އޭނާ އަލް ހިލާލީއަށް ބަދަލުވީ 2012 ވަނަ އަހަރުގައެވެ.

2011 ވަނަ އަހަރު 20 އަހަރުން ދަށުގެ ވޯލްޑް ކަޕް މުބާރާތުގައި ޗަހްރާނީ ދެއްކި މޮޅު ކުޅުމާއި އެކު އޭނާއަށް ސައުދީގެ ސީނިއަރ ޓީމުން ފުރުސަތު ލިބުނެވެ. އެގޮތުން އޭނާ ސައުދީގެ ސީނިއަރ ތީމަށް ކުލެން ފެށީ 2012 ވަނަ އަހަރުގައެވެ.
އޭނާ ވަނީ ސައުދީ ޓީމަށް މިހާތަނަށް 70 މެޗު ކުޅެ، 2 ލަނޑު ޖަހާފައެވެ.

ފިރާސް އަލް ބުރައިކާން

ފިރާސް އަލް ބުރައިކާން އަކީ މިވަގުތު ސައުދީ ޓީމުގައި ހުރި އެންމެ ޒުވާން ފޯވަޑެވެ. ސައުދީގެ އަލް ފަތެހް އަށް ކުލެމުން އަންނަ ބުރައިކާން އަންނަނީ ކުލަބުގައާއު ގައުމީތީމުގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. 2011 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ބުރައިކާން ވަނީ ދައުދީގެ 20 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. ސައުދީގެ ސީނިއަރ ޓީމަށް ބުރައިކާން ކުޅެން ފެށީ 2019 ވަނަ އަހަރުގައެވެ. މިހާތަނަށް ސައުޑީ ޓީމަށް ކުޅެދިން 24 މެޗުގައި ހަ ގޯލު ޖަހައިދީފައިވެއެވެ.

ކޯޗު

ފްރާންސް އަށް އުފަން ކޯޗު ހަވޭ ރެނާޑް ސައުދީ އަރަބިއްޔާގެ ގައުމީ ޓީމާ ހަވާލުވީ 2019 ގަ އެވެ. އޭގެ ކުރިން އޭނާ މަސައްކަތްކުރީ މޮރޮކޯގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައެވެ. ރެނާޑް ވަނީ މީގެ ކުރިން ޒެމްބިއާ، އެންގޯލާ އަދި އައިވަރީކޯސްޓް ޓީމުގެ ކޯޗުކަން ވެސް ކޮށްފައެވެ. އެގޮތުން ޒެމްބިއާއާއި އެކު ރެނާޑް ވަނީ 2012 ގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފަ އެވެ. އަދި 2015 ވަނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް އައިވަރީކޯސްޓާއި އެކު ވެސް ކާމިޔާބު ކުރިއެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މި އަހަރުގެ ވޯލްޑް ކަޕުގައި ސައުދީ އަރަބިއާ ލައްވާލީ ގުރޫޕް ސީގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ މެކްސިކޯ، އާޖެންޓިނާ އަދި ޕޯލަންޑްއެވެ. މިއީ ސައުދީ އަރަބިއާއަށް އުނދަގޫ ގުރޫޕަކަށް ވާނެއެވެ. ގުރޫޕުގައި އޮތް ޓީމުތަކަށް ބަލާއިރު، ސައުދީއަށް ދެވަނަ ބުރަށް ދިއުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެއެވެ.