ޑިޕްރެޝަނަށް ދިއުމަކީ އަގީދާ ބަލިކަށިވެގެން ދިމާވާ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިހާރުރާއްޖެ ވަޑައިގެން އުޅުއްވާ މަޝްހޫރު ދީނީ އިލްމު ވެރިޔާ މުފްތީ މިހެން ވިދާޅުވީ ކާނިވާ ސަރަހައްދުގައި ބޭއްވި ދަރުހުގަ އެވެ.
“ޑިޕްރެޝަން, އެންޒައިޓީ އެންޑް ސްޓްރެސް” މި މައުޟޫއަށް ކުރިއަށް ގެންދެވި ދަރުހުގައި އޭނާ ވިދާޅުވީ މާތް ﷲ ފަރުމާކުރައްވާފައިވާ ސިސްޓަމާ އެއްގޮތަށް ހުރިހާ ކަމެއް ކުރާނަމަ, މީހާ ބާރުވެރިކުރުވައި، ނުރަނގަޅު މާހައުލުތަކުން ރައްކާތެރިކޮށްދެއްވާނެ ކަމަށެވެ. އަދި ދުނިޔޭގައި ކުރިމަތިވާ ގޮންޖެހުންތަކުން ވެސް ރައްކާތެރިކޮށްދެއްވާނެ ކަމަށެވެ.
"އެހެންނަމަވެސް އެއާ ހިލާފުވެ, ޑިޕްރެޝަނަށް ދިއުމަކީ އެއީ އަގީދާ ބަލިކަށިވެގެން ދިމާވާ ކަމެއް ނޫން. އޭގެ ބަދަލުގައި ތިމާގެ އަގީދާ ވަރުގަދަ ނަމަ އެފަދަ ކަންކަމުން ރައްކާތެރިކޮށްދޭނެ. މާޔޫސްވެ, ޑިޕްރެޝަނާއި އެންޒައިޓީ އަދި ސްޓްރެސްވާ މީހުންނާ ދިމާލަށް އޭނާގެ އަގީދާ ބަލިކަށިކަމަށް ނުބުނޭ. އޭގެ ބަދަލުގައި އެފަދަ މީހުންނަށް އެހީތެރިވެ، ބާރުވެރިކުރުވުމަށް މަސައްކަތްކުރޭ." މުފްތީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ވަކި ވަރަކަށް ދެރަވެ, ކަންކަމާ ފިކުރުކޮށް ވިސްނައި, ކަންބޮޑުވެ, އަދި ކޮންމެވެސް ވަރަކަށް ޑިޕްރެޝަނަށް ދިއުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އިންސާނީ އިހުސާސްތައް ކަމަށެވެ. އެކަމަކު މާތް ﷲ އަންގަވާފައި ވަނީ އެފަދަ ކަންކަން ކުރިމަތިވެ, ތިމާ އޭގެ ބާރުގެ ދަށަށް ދިއުމުގެ ކުރިން ނަފުސަތައް ބާރުވެރި ކުރުވުމަށް ކަމަށް ވެސް މުފްތީ ވިދާޅުވި އެވެ.
ހިނިތުންވުމަކާއެކުވެސް ބައެއް މީހުން ވަރަށް ބޮޑެތި މައްސަލަތައް ތަހައްމަލު ކުރަމުން ގެންދާނެކަން ފާހަގަކުރައްވާ މުފްތީގެ ވާހަކައިގާ ވަނީ އެއީ މާތް ﷲ އޭނާ ވަރުގަދަ އިންސާނެއްގެ ގޮތުގައި ލައްވާފައިވާތީ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިމަހުގެ 28 އިން 31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މާލޭ ސިޓީ، ހުޅުމާލެ، ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް ދެއްވާނެ އެވެ.
29 ވަނަ ދުވަހު ފުވައްމުލަކުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "އިސްލާމްކަމާއި އޯގާތެރިކަން" މި މައުޟޫ އަށެވެ. މި ދަރުސް އޮންނާނީ ފުވައްމުލަކު ސިޓީގެ ސްޓޭޑިއަމްގަ އެވެ. އައްޑޫ ސިޓީގައި މި މަހުގެ 30 ވަނަ ދުވަހު ދެއްވާ ދަރުސް އޮންނާނީ އެ ސިޓީގެ ސިޓީ ސްކުއަރ ގަ އެވެ. މައުޟޫއަކީ "ޕްރޮޑަކްޓިވް މުސްލިމް" ނުވަތަ ހަރުދަނާ މުސްލިމެވެ.
ހުޅުމާލޭގައި ދަރުސް ދެއްވާނީ މި މަހުގެ 31 ވަނަ ދުވަހު ރެއެވެ. މި ދަރުސް އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!