2022 ވޯލްޑް ކަޕްގައި ގްރޫޕް ސީ ގައި ހިމެނޭ، ޕޮލެންޑް އެންމެ ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ 1938 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ފުރަަތަމަ ބުރުން ޕޮލެންޑް ކެޓީ އެވެ.

އެއަށް ފަހު ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިވީ 1974 ވަނަ އަހަރެވެ. އެ އަހަރުގެ މުބާރާތުގެ ތިން ވަނަ އެ ޤައުމު ހޯދި އެވެ. އަދި 1978 ވަނަ އަހަރު އާޖެންޓީނާ އޮތް މުބާރާތުގައި ވެސް ޕޮލެންޑް ވާދަކުރި އެވެ. އެ އަހަރުގެ މުބާރާތުން އެ ޤައުމު ކެޓީ ދެވަނަ ބުރުންނެވެ.

Ad
rt

އޭގެ ފަހުން އޮތް ދެ ވޯލްޑް ކަޕްގައި ވެސް ޕޮލެންޑް ވާދަކުރި އެވެ. ސްޕެއިންގައި 1982 ވަނަ އަހަރު އޮތް މުބާރާތުގެ ތިން ވަނަ ހޯދިއިރު މެކްސިކޯގައި 1986 ގައި އޮތް މުބާރާތުން އެ ޤައުމު ކެޓީ ގަދަ 16ގެ ބުރުންނެވެ. އޭގެ ފަހުން ދެން ވާދަކުރީ 2002 ވަނަ އަހަރުގެ މުބާރާތާއި 2006 ގެ މުބާރާތުގައެވެ .މި ދެ މުބާރާތުން ވެސް އެ ޤައުމު ކެޓީ ފުރަތަމަ ބުރުންނެވެ.

ކޮލިފައިވީ ގޮތް

ޕޮލެންޑް މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިން ގުރޫޕް އައިގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ޕޮލެންޑް ބަލިވީ ދެ މެޗުންނެވެ. ޖުމްލަ 10 މެޗުގެ ތެރެއިން، ހަ މެޗުން މޮޅުވިއިރު، ދެ މެޗު ވަނީ އެއްވަރުކޮށްފަ އެވެ. އެ ޤައުމު ކޮލިފައިވީ 20 ޕޮއިންޓާއި އެކުގައެވެ.

މުހިންމު ކުޅުންތެރިން

ރޮބާޓް ލެވަންޑޮސްކީ

އުމުރުން 34 އަހަރުގެ ލެވަންޑޮސްކީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. މިދިޔަ އަހަރު ޔޫއެފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާއަށް ލިބިފައިވެއެވެ. ލެވަންޑޮސްކީ ވަނީ ގައުމީ ޖާޒީގައި މިހާތަނަށް 134 މެޗު ކުޅެ، 76 ގޯލް ޖަހާފައިއެވެ.

ލެވަންޑޮސްކީ ވަނީ ޕޮލެންޑާއެކު 2012 ވަނަ އަހަރުގެ ޔޫރޯއާއި 2016 ވަނަ އަހަރު ޔޫރޯ އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކުޅެފައެވެ.

ޖަން ބެޑްނަރެކް

އުމުުރުން 26 އަހަރުގެ ބެޑްނަރެކް އަކީ ޕޯލެންޑްގެ ޓީމުގައި މިވަގުތު ހުރި އެންމެ މުހިންމު ޑިފެންސް ކުޅުންތެރިއާއެވެ. ޕޮލެންޑްގެ ޔޫތް ޓީމުތަކަށް ކުޅުމަށް ފަހު ޕޮލެންޑްގެ ސީނިއަރ ޓީމަށް އޭނާ ކުޅެން ފެށީ 2017 ވަނަ އަހަރުގައެވެ. ސައުތެމްޕްޓަންއިން ލޯނު އުސޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް މިވަގުތު ކުޅެމުން އަންނަ ބެޑްނަރެކް ކެރިއަރު ފެށީ 2013 ވަނަ އަހަރު ޕޮލެންޑްގެ ލެޗް ޕޮޒްނާން އިންނެވެ. ބެޑްނަރެކް ވަނީ ޕޮލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް 44 މެޗު ކުޅެ ދެ ގޯލް ޖަހައިދީފައެވެ.

ކޯޗު

މިފަހަރު ޕޮލެންޑްގެ ކޯޗަކީ ބެލަރޫސް އަށް އުފަން ޗެސްލާވް މިޗްނިއެވިޗްއެވެ. މިއަހަރު ޖަނަވަރީ މަހު ޕޮލެންޑްގެ ކޯޗުކަމާ ޗެސްލާވް ހަވާލުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ޕޮލެންޑް އަދި ކުޅެފައިވަނީ އެންމެ އަށް މެޗެވެ.

ޗެސްލާވް ކުޅުންތެރިއެއްގެ ގޮތުގައި މާ މަޝްޙޫރު ކުލަބުތަކަށް ކުޅެފައެއް ނުވެއެވެ. ކުޅުންތެރިއެއްގެ ގޮތުގައި މާ ބޮޑު ތަޖުރިބާތަކެއް ލިބިފަނެތް ނަމަވެސް ކޯޗިންދާއިރާގައި ތަޖުރިބާ ލިބިފައިވެއެވެ. ޕޮލަންޑްޑާއި ބެލަރޫސްގެ ގިނަ ކުލަބުތަކަކަށް ކޯޗުކޮށްދީފައިވާ ޗެެސްލާވް ވަނީ އޭނާ ކޯޗު ކޮށްދިން ކުލަބު ތަކާއި އެކު ކާމިޔާބީތަކެއްވެސް ހޯދާފައެވެ. ޕޮލެންޑަކީ ޗެސްލާވް ކޯޗުކޮށްދޭ ފުރަތަމަ ސީނިއަރ ގައުމީޓީމެވެ. މިއީ ގައުމީޓީމެއް ގޮވައިގެން ބޮޑު މުބާރާތަކަށް އޭނާ ނުކުންނަ ފުރަތަމަ ފަހަރެވެ.

ޗެސްލާވްގެ އިރުޝާދުގެ ދަށުން ޕޮލެންޑް މިހާތަނަށް ކުޅުނު 8 މެޗުގެ ތެރެއިން މޮޅުވީ 3 މެޗުންނެވެ. ތިން މެޗުން ބަލިވެފައިވާއިރު ދެމެޗުން ވީއެއްވަރެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މި އަހަރުގެ ވޯލްޑް ކަޕުގައި ޕޮެލެންޑް ލައްވާލީ ގުރޫޕް ސީގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ އާޖެންޓިނާ، ސައުދީ އަރަބިއާ އަދި މެކްސިކޯއެވެ. މިއީ ޕޮލެންޑަށް ދެވަނަ ބުރަށް ދިއުމަށް އެހާ ފަސޭހަވާނެ ގުރޫޕެއް ކަމަށް ނުބެލެވެއެވެ. މި ގުރޫޕުގައި އޮތް ޓީމުތަކަށް ބަލާއިރު، އާޖެންޓީނާ މެކްސިކޯ ފަދަ ޓީމުތަށް ބަލިކޮށް ދެވަނަ ބުރަށް ދިއުމަކީ ޕޮލެންޑަށް މާ ފަސޭހަ ކަމަކަށް ނުވާނެއެވެ.