ޗާގޯސްގެ މައްސަލައިގެ ސައްހަ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.
އެ ޕާޓީން މިހެން ގޮވައިލީ ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށް ބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ޕާޓީގެ ހުރި ކަންބޮޑުވުންތައް ހާމަކޮށް ނެރުނު ބަޔާނުގަ އެވެ.
އެ ބަޔާނުގައި ރާއްޖެއަކީ އިސްލާމްދީނުގެ އަޤީދާތަކުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމަކީ އެޕާޓީގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިއިން އެއްވެސް ކަމަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
"ރާއްޖެ އަކީ ޤައުމުތައް އަޅުވެތި ކުރުމާ (ކޮލޮނައިޒޭޝަނާ) ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އައި ޤައުމެއްކަމާއި، އެ ސިޔާސަތަކީ ހަމައެކަނި މިސަރުކާރުގެ ސިޔާސަތެއް ނޫންކަން ފާހަގަ ކުރަމެވެ. އެހެންނަމަވެސް، މޮރިޝަސްއިން ބޭނުންވާ ގޮތަށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ، އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްކަމަށް ނުވާތީ އާއި ފޯޅަވަހި މޮރިޝަސްގެ ދަށަށް ހިނގައްޖެނަމަ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކުޑަވެ، އިޤްތިޞާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ޤުދްރަތީ ވަސީލަތްތަކަށްވެސް އުނިކަން ލިބޭނެތީއެވެ." އެމްއާރްއެމްގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުޤައި ބުނާގޮތުން ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަޙައްދެއް ހާއްސަ އިގްތިސާދީ ސަރަޙައްދުގެ ގޮތުގައި ލިބިދީފައިވާ ކަމަށާއި މީގެކުރިން ދިވެހި ދައުލަތުން މިދެންނެވުނު ސަރަޙައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްބަސްވެ ސޮއިކޮށްފައެއް ނުވާނެ ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެކަން އެހެން އޮތްއިރު، 2019 ގައި މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތުމާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، އެސިޔާސަތު ބަދަލުވި ސަބަބު ހާމަވެފައި ނެތުމުން، އޭގެ އަޑީގައި ކަންތައްތަކެއް ވާނެކަމަށް ރައްޔިތުން ދެކޭތީ، ކަންހިނގާ ދިޔަ ގޮތް ހާމަކުރުން މުހިންމުކަމަށްއެ ޕާޓީން ދެކޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެމްއާރްއެމް އިން ވިދާޅުވީ މިމައްސަލައަކީ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދާ ގުޅުންހުރި މައްސަލައަކަށްވެފައި، އިޤްތިޞާދީ ގޮތުން ދިވެހި އާއިލާތަކަށް ބޮޑު މަންފާއެއް ލިބެމުން އަންނަ މަސްވެރިކަމުގެ ދާއިރާއަށް ވެސް ގެއްލުން ތަކެއް ލިބިދާނެކަމެއް ކަމަށެވެ. އަދި މަސްވެރިންގެ މަސްލަހަތު ވެސް އިންތިހާއަށް އޮތް ކަމަކަށްވާތީ، މި މައްސަލައިގައި ސަރުކާރުގެ ނިންމެވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި މިކަމުގައި މަޖިލީހުގެ ބަހެއްވެސް ސަރުކާރުން ހޯއްދަވާފައި ނުވާތީ ވެސް އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހަމަމިއާއެކު މި މައްސަލާގައި ރާއްޖޭގެ ފަރާތުން ބައިނަލްއަގްވާމީ ފަރާތްތަކާއެކު ވަކާލާތު ކުރުމުގައި، ކަމުގެ ފަންނީ މާހިރުން ދިވެހިންގެތެރޭގައި ތިއްބެވިއިރު، އޭގެ ތެރެއިން ގިނަބޭފުޅުންގެލަފައާއި މަޝްވަރާ ހޯއްދަވާފައިނުވާތީ، އެކަމުގެ ހިތާމަ ވެސް އެމްއާރްއެމް އިން ކުރާކަމަށް ބަޔާނުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!