ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޝެރިފް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
މިދިޔަ ހަފުތާގައި ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރަން ދެކޮޅުހަދައި މެޗު ނިމުމުގެ ކުރިން ބެންޗް ދޫކޮށް ދިޔުމުން ރޮނާލްޑޯއަށް އަދަބެއްގެ ގޮތުން މި ހަފްތާގައި ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗަށް ނެގި ޓީމުން އޭނާ ވަނީ ބާކީ ކޮށްފައެވެ. ނަމަވެސް އެ އަދަބުން ވީއްލި ރޭ ޔުނައިޓެޑުން ޝެރިފްއާއި ދެކޮޅަށް ކުޅުނު މެޗަށް ނެގި ޓީމްގައި ރޮނާލްޑޯ ހިމަނައި، ފުރަތަމަ އެގާރައިން ވަނީ ފުރުޞަތު ދީފައެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ޑިފެންޑަރ ޑަލޮޓްއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ އެރިކްޝަން ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގެ ދެވަނަ ލަނޑު 65 ވަނަ މިނެޓުގައި، ޔުނައިޓެޑްގެ ޑިފެންޑަރ ލޫކާ ޝޯ، ޝެރިފްގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ރަޝްފޯޑެވެ.
މެޗުގައި ޔުނައިޓެޑަށް ތިންވަނަ ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ އޭނާގެ ކެރިއާގައި ކުލަބް ލެވެލްގައި ކާމިޔާބުކުރި 701 ވަނަ ލަނޑެވެ.
މުބާރާތުގެ ދެވަނަ ބުރުން ޔުނައިޓެޑަށް ފުރުޞަތު ލިބިފައިވީ ނަމަވެސް އެ ޓީމް މިވަގުތު އޮތީ ގްރޫޕްގެ ދެވަނާގައެވެ. އެއްވަނާގައި 5 މެޗުން ލިބުނު 15 ޕޮއިންޓާއިއެކު ރެއާލް ސޮސިއެޑާޑް އޮތްއިރު، ޔުނައިޓެޑަށް ލިބިފައި ވަނީ 5 މެޗުން 12 ޕޮއިންޓެވެ. މި ގްރޫޕްގެ ފަހު މެޗުތައް މި ހަފްތާގެ ބްރާސްފަތި ދުވަހުގެ ރޭ ކުޅޭއިރު، ޔުނައިޓެޑް ބައްދަލުކުރަން ޖެހޭނީ ސޮސިއެޑާޑާއެވެ. އެ މެޗު ކާމިޔާބު ކޮށްގެން ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުޞަތު ޔުނައިޓެޑަށް އޮތްއިރު، މެޗު އެއްވަރު ކޮށްލައިގެން ވެސް ސޮސިއެޑާޑަށް ފަރުޖެއްސެން އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!