ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ޤާއިމްކުރުމަށް ސޮއި ކޮށްފި އެވެ.

މިއީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ (ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް) މަޝަރޫއުގެ ދަށުން ޑިޒައިން-ބިލްޑް-ފައިނޭންސް-އޮޕަރޭޓް އެންޑް ޓްރާންސްފަރ އުސޫލުން ގާއިމުކުރާ ތަނެކެވެ.

Ad
rt

މިކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ސޮއި ކުރައްވާފައިވަނީ މެރިކަލްޗަރ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެކުއަބްރިޖް ކުންފުންޏާ އެކުގަ އެވެ.

މި އެއްބަސްވުމުގެ ދަށުން ހެޗަރީ ފަރުމާކޮށް، ބިނާކޮށް ހިންގުމަށް 21 އަހަރުދުވަސް ލިބޭނެ އެވެ. އަކުއަބްރިޖް ކުންފުނިން 3 ފިޔަވައްސަކަށް ބަހާލައިގެން މާނާގަލާގައި 16 މިލިއަން ޑޮލަރު އިންވެސްޓު ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

ސަރުކާރުގެ ފަރާތުން މިހައިތަނަށް ވަނީ 3.8 މިލިއަން ޑޮލަރުގެ ސަޕޯޓް އިންފްރާސްޓްރަކްޗަރ މާނާގަލާގައި ގާއިމް ކޮށްފަ އެވެ.

މި އެއްބަސްވުމުގައި ވާގޮތުން އަކުއަބްރިޖް-ޔޫނައިޓަޑް އަރަބް އެމިރޭޓްސް އިން އަހަރަކު 5 މިލިއަން ފާނަ، 2 މިލިއަން ހުފިލަނޑާ އަދި ދޮށީގެ މަސްވެރިކަމުގައި ދިރޭއެމުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި އަހަރަކު 150 ޓަނުގެ ބޭންގު އާލާކޮށް ވިއްކުމަށް ހަމަޖެހިފައި ވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި، ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މި ހެޗަރީއަކީ ރާއްޖޭގައި މެރިކަލްޗަރ ކުރުމަށް ހުޅުވިގެންދާ ފުރުސަތެއް ކަމަށެވެ. އަދި މި ހެޗަރީގެ އިތުރުން މެރިކަލްޗަރ ކޮށްގެން ޑިނގާ އާލާކުރުން ހިމެނޭހެން ރަށްތަކެއް ކަނޑައެޅުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ވެސް ވަނީ އަލި އަޅުއްވައިލައްވާފަ އެވެ.

މި ރަސްމިއްޔާތުގައި އެކުއަބްރިޖް ގެ ސީ.އީ.އޯ. މުހައްމަދު ތަބީޝް ގެ ވާހަކައިގައި ވަނީ މި ހެޗަރީގައި ދިވެހިންގެ ތެރެއިން މިކަމަށް ޝައުގުހުރި ފަރާތްތަކުން މެރިކަލްޗަރ ކުރުމަށް ތަމްރީންވުމުގެ ފުރުސަތު އޮތް ކަމަށެވެ.

މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އީނާސް ނަސީރެވެ. އަދި އެކުއަބްރިޖްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ތަބީޝް އެވެ.