ގދ. ހޯޑެއްދޫ، ސްވެން، ޢަބްދުالله ރަޝީދު 2022 އޮކްޓޫބަރު 25 ވަނަ ދުވަހު ނިޔާވި މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަނުން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ މައްސަލައިގާ ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، މި ކޮމިޝަނުން އިސްނަގައިގެން ޖިނާޢީ ތަޙްޤީޤު ދަނީ ކުރަމުން ކަމަށެވެ.

Ad
rt

މި މައްސަލަ ތަޙްޤީޤު ކުރަނީ ޤާނޫނު ނަންބަރު 22/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 76 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ފުލުހުންނާ އެކީގައި ގުޅިގެން ހިންގާ ތަޙްޤީޤެއްގެ ގޮތުގައި ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ވިދާޅުވެފަ އެވެ. އަދި މައްސަލައިގެ ތަޙްޤީޤުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މައިގަނޑު ދައުރަކީ ކޮމިޝަނުގެ ތަޙްޤީޤަށް އެހީތެރިވެދިނުން ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޢަބްދުالله ރަޝީދުގެ ޕޯސްޓް-މޯޓަމް ހެދުމަށް ނިންމާފައިވަނީ މި މައްސަލާގައި އިންސާފަށް ވާސިލުވުމަށް މުހިންމުކަމަކަށްވާތީ ތަހުގީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާޢަތުގެ ދަށުން ކަމަށް ވެސް އެންއައިސީން ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯނޑެއްދޫން ހައްޔަރު ކޮށްގެން ގެންދިޔަ ޢަބްދުﷲ ރަޝީދު ނިޔާވުމާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ އޭނާގެ މެއަށް ތަދެއް އަރައި، ފިޓު ޖެހުމުގެ އަލާމާތްތަކެއް ފެނުމުން ގދ. މަޑަވެލީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކުރަން ހަރަކާތްތެރި ވުމުގައި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް ޢަބްދުﷲ ރަޝީދު ނިޔާވި މައްސަލައިގައި ގިނަ ކަންބޮޑުވުންތަކަކާއެކު ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް އުފައްދާފައިވާއިރު، އެގޮތުން އޭނާ ހައްޔަރު ކުރަން ހަރަކާތްތެރިވުމުގައި ފުލުހުން އޭނާއަށް އަނިޔާ ކުރިކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ހައްޔަރު ކުރި ވަގުތު ބޮޑީ ކެމް ނުޖެއްސީ ކީއްވެތޯ ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.