ޕޯސްޓުން ރާއްޖެ ގެނައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގަނެފި އެވެ.
އެ އިދާރާ އިން ވިދާޅުވީ މިތަކެތި އަތުލައިގަތީ ސެޕްޓެމްބަރު 10 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ނެދަލެންޑުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.
މިތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު 1008.87 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވި އެވެ.
ކަސްޓަމްސް އިން އިތުރަށް ވިދާޅުވީ މިތަކެތީގެ މަގުމަތީ އަގު 2,522,175.00 (ދެ މިލިއަން ފަސްލައްކަ ބާވީސް ހާސް އެއްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާއަށް އަރާ ކަމަށެވެ.
މި މައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނެއް ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި އެމީހާ މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކޮށްފައި ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވި އެވެ.
މިއީ މިއަހަރު ތެރޭގައި މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ތިންވަނަ ފަހަރެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބަށް ބަލާއިރު، މިއަހަރު، ފުރަތަމަ ފަހަރު ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރްސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި، މާރިޗު 1 ވަނަ ދުވަހު ވަނީ 585 ގްރާމްގެ މެފެޑްރޯން އަތުލައިގަނެފަ އެވެ. އަދި ދެވަނަ ފަަހަރު ޖޫން 29 ވަނަ ދުވަހު 526 ގްރާމްގެ މެފެޑްރޯން ވަނީ އަތުލައިގަނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!