ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ ރަޝީދު ނިޔާވި މައްސަލަ، ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާ ހަވާލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޢަބްދުﷲ ރަޝީދު ނިޔާވި މައްސަލައިގެ ތަޙުޤީޤުގެ ޕްރައިމެރިލީ އިންވެސްޓިގޭޓިންގް އޭޖެންސީ އަކީ އެންއައިސީ ކަމަށެވެ.

Ad
rt

މި މައްސަލައާ ގުޅޭގޮތުން ހިންގާ މުއާމަތާތުތައް ހިންގާނީ އެންއައިސީން ކަމަށާއި މައްސަލައާ ގުޅޭ މައުލޫމާތު އާންމު ކުރާނީ ވެސް އެންއައިސީ އިން ކަމަށް އެއްބަސްވުމެއްގެ ދަށުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގދ. ހޯނޑެއްދޫ / ސްވެން ޢަބްދުﷲ ރަޝީދު ނިޔާވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯނޑެއްދޫން ހައްޔަރު ކޮށްގެން ގެންދިޔަ ޢަބްދުﷲ ރަޝީދު ނިޔާވުމާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ އޭނާގެ މެއަށް ތަދެއް އަރައި ފިޓު ޖެހުމުގެ އަލާމާތްތަކެއް ފެނުމުން ގދ. މަޑަވެލީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކުރަން ހަރަކާތްތެރި ވުމުގައި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް ޢަބްދުﷲ ރަޝީދު ނިޔާވި މައްސަލައިގައި ގިނަ ކަންބޮޑުވުންތަކަކާއެކު ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ވެސް ވަނީ އުފައްދާފަ އެވެ. އެގޮތުން އޭނާ ހައްޔަރު ކުރަން ހަރަކާތްތެރިވުމުގައި ފުލުހުން އޭނާއަށް އަނިޔާ ކުރިކަމަށާއި ހައްޔަރު ކުރި ވަގުތު ބޮޑީ ކެމް ނުޖެއްސީ ކީއްވެތޯ ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.