މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ދެ ދުވަހަށް ދުނިޔޭގެ ގިނަ ގައުމުތަކަކަށް އިންޓަނެޓް ހަލުވިމިން ދަށްވީ ބަޔަކު ގަސްދުގައި ފައިބާ ކޭބަލެއް ބުރިކޮށްލައިގެން ކަމުގެ ތުހުމަތު ކޮށްފި އެވެ.
އެއީ ފްރާންސްގެ ސޓީއެއް ކަމަށްވާ މާސެއިލީއިން އެ ގައުމުގެ ލިއޯން އާއި އިޓަލީގެ މިލާން އަދި ސްޕެއިންގެ ބާސެލޯނާއަށް އަޅާފައި ފައިބާ ކޭބަލެކެވެ. ކޭބަލް ބުރިފައިވަނީ ކަނޑުއަޑިން އަޅާފައިވާ މި ކޭބަލްތައް އެއްގަމުން ގުޅިފައިވާ ހިސާބުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކޭބަލްތައް ބުރިކޮށްލާފައިވަނީ ބަޔަކު ގަސްދުގައި އެވެ. އެކަމަށް ބާރުލިބޭގޮތަށް ވާހަކަ ދައްކަމުން ސައިބާ ސެކިއުރިޓި ކުންފުނި ޒްސްކޭލާގެ ސީއީއޯ ޖެއި ޗައުދަރީ ވިދާޅުވީ މިކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ރަޝިއާއަށް ކަމަށެވެ.
ޗައުދަރީ ވިދާޅުވީ ކޭބަލް ބުރިކޮށްލުމުގެ އަސަރު އޭޝިއާ، ޔޫރަޕް އަދި އެމެރިކާ އާއި އެހެން ސަރަހައްދުތަކުގެ ގައުމުތަކަށް ކޮށްފައިވާނެ ކަމަށެވެ. އޭގެ ސަބަބުން ވެބްސައިޓުތަކުގެ ހިދުމަތް ކެނޑުމާއި ޕޭޖުތައް ލޯޑުނުވެ ގިނަ އިރުވުންފަދަ ކަންކަން ދިމާވި ކަމަށް ވިދާޅުވި އެވެ.
އެ ކޭބަލް ބުރިވި މައްސަލަ ފްރާންސް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ޒްސްކޭލާ އާއި ހަވަލާދީ މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެކަމަކު ރަޝިއާއަށް ތުހުމަތު ކުރެވުނަސް މިހާތަނަށް މި މައްސަލައިގަ މީހަކު ހައްޔަރެއް ނުކުރެ އެވެ.
އެ ކޭބަލް މަރާމާތުކޮށް ހިދުމަތް އެއްކޮށް ރުޖޫއަ ކުރެވިފައިވަނީ ދެ ދުވަސް ފަހުން މިމަހުގެ 20 ވަނަ ދުވަހު އެވެ.
ދާދި ފަހުން އިނގިރޭސިވިލާތުގެ ސްކޮޓްލޭންޑުގެ ކަނޑު އަޑީގައި އަޅާފައިވާ އިންޓަނެޓް ފައިބާ ކޭބަލެއްވެސް ބުރިވި އެވެ. އެ ކޭބަލްވެސް މިހާރު މަރާމާތުކޮށް މައްސަލަ ހައްލުކޮށްފައިވާއިރު އެއީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ބައެއްގެ އަތުން ވީކަމެއް ކަމަށް ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!