އެމެރިކާގެ ނިއުޔޯކްގައި ކޯވިޑް ވެކްސިން ނުޖަހައިގެން ވަޒީފާއިން ވަކިކުރި މީހުންނަށް އަނބުރާ ވަޒީފާ ދީ އެ މުއްދަތަށްވާ މުސާރަ ދިނުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ ނިއުޔޯކްގެ ޔުނިވޯމްޑް ފަޔާ ފައިޓާސް އެސޯސިއޭޝަނުންނެވެ. އެ ޖަމިއްޔާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަޔާ ފައިޓަރުންނާއި އެ ސިޓީގެ އެތްލީޓުންގެ އިތުރުން ހުށަހެޅުންތެރިންނެއްގެ ވަޒީފާ ވެކްސިން ނުޖަހާތީ ގެއްލިފައިވެ އެވެ.
އެމީހުންގެ ވަޒީފާ ގެއްލުނީ ނިއުޔޯކްގައި ވެކްސިން ޖަހަން މަޖުބޫރުކޮށް އަމަލު ކުރަން ފެށި ގަވައިދަކާއި ގުޅިގެންނެވެ. ފަހުން ކޯވިޑްގެ ހާލަތު ރަނގަޅުވާން ފެށުމުން އާންމުންގެ ފަރާތުން ނުރުން އަމާޒުވާން ފެށުމުންވެސް ނިއުޔޯކްގެ މޭޔަރު އެރިކް އެޑަމްސް ވިދާޅުވެފައިވަނީ ވެކްސިން ނުޖަހައިގެން ވަޒީފާ ގެއްލުނު މީހުންނަށް އަނބުރާ ވަޒީފާ ނުދެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ހޯމަ ދުވަހު ކުރި އަމުރުގައި ބުނެފައިވަނީ ވެކްސިން ނުޖެހުމަކީ ކޯވިޑް ފެތުރޭ ކަމެއްކަމަށް ސާބިތުވެފައި ނުވާ ކަމަށެވެ. އަދި ވެކްސިން ޖަހައިގެން ކޯވިޑް ކޮންޓްރޯލްވެފައިވާކަންވެސް ސައިންސާއި ދިރާސާތަކުން އެނގެން ނެތް ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވެކްސިން ނުޖަހައިގެން 1،400 އަށްވުރެ ގިނަ މުވައްޒަފުން ނިއުޔޯކްގައި ވަޒީފާއިން ވަކިކޮށްފައިވެ އެވެ. އެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ނިއުޔޯކްގެ ކުރީގެ މޭޔަރު ބިލް ޑީ ބްލާސިއޯގެ ވެރިކަމުގައި މިއަހަރުގެ ކުރީކޮޅުއެވެ.
މައްސަލަ ކާމިޔާބުވުމުން ޔުނިވޯމްޑް ފަޔާ ފައިޓާސް އެސޯސިއޭޝަންގެ ރައީސް އެންޑްރޫ އެންބްރޮސީ ބުނެފައިވާގޮތުގައި އެމެރިކާ ސަރުކާރުން ކޯވިޑްގައި އަމަލު ކުރަމުންދަނީ ސައިންސާއި ސިއްހީ އިދާރާތަކުގެ ލަފާ ކަމަށް ބުނަމުންދާ ކަމަށެވެ. އެހެން ކަމަށް ވާނަމަ މިހާރު ކޯވިޑާއި ގުޅިގެން އެއްވެސް ނުރައްކަލެއް ނެތްކަން އެނގޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!