އިޒްރޭލުގެ މެކަބީ ހައިފާއަތުން ފަސޭހަކަމާއިއެކު މޮޅުވެ ޕީއެސްޖީން ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރިއިރު، ޔުވެންޓަސް ބަލިކޮށް ބެންފީކާއިން ވެސް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފިއެވެ.
ގްރޫޕް އެޗްގައި ރޭ ޕީއެސްޖީއާއި މެކަބީ ހައިފާ ބައްދަލުކުރި މެޗު، ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި ސީޒަންގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައިނުވާ ޕީއެސްޖީން ވަނީ ރޭ ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް އެ ޓީމްގެ ކުރިއަށް ކުޅެމުން އަންން މެސީއާއި ނޭމާގެ އިތުރުން އެމްބާޕޭގެ ޖާދޫ ރޭގެ މެޗުގައި ވެސް ވަނީ ފެނިގެން ގޮސްފައެވެ.
ޕީއެސްޖީން މެޗުގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑުޖެހިއިރު ފުރަތަމަ ލަނޑު، 19 ވަނަ މިނެޓުގައި އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މެސީއެވެ. ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބު ކޮށްދީފައިވާއިރު، ތިންވަނަ ލަނޑު 35 ވަނަ މިނެޓުގައި މެސީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ނޭމާއެވެ.
މެޗުގައި މެކަބީ ހައިފާގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސެކް އެވެ. ޕޯއެސްޖީގެ ހަތަރުވަނަ ލަނޑު 44 ވަނަ މިނެޓުގައި އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މެސީއެވެ.
މެޗުގެ 50 ވަނަ މިނެޓުގައި ސެކް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެކަބީ ހައިފާއަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް 64 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ޕީއެސްޖީގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގައި މެކަބީ ހައިފާކޮޅަށް ވަތް ހަވަނަ ލަނޑަކީ އެ ޓީމްގެ ޑޮލްބާގް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ހަތްވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކާލޮސް ސޮލާއެވެ.
މި ގްރޫޕްގައި ރޭ ބެންފީކާއިން ވަނީ 4-3 ގެ ނަތީޖާއިން ޔުވެންޓަސް ބަލިކޮށްފައެވެ. މި ސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޔުވެންޓަސް ރޭގެ މެޗަށް ނުކުތްއިރު ވެސް އެ ޓީމަށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރެއް ނެތެވެ. ރޭ މެޗުން ބަލިވުމާއިއެކު އޮތް ހަނި ފުރުޞަތު ގެއްލި ޔުވެންޓަސް ވަނީ ކާޓާފައެވެ.
މި ގްރޫޕްގެ އެއްވަނާގައި އޮތް ޕީއެސްޖީއަށާއި ބެންފީކާއަށް ވަނީ ކުޅުނު 5 މެޗުން 11 ޕޮއިންޓް ލިބިފައެވެ. ގްރޫޕްގެ ތިންވަނާގައި ޔުވެންޓަސް އޮތީ ކުޅުނު 5 މެޗުން ލިބުނު 3 ޕޮއިންޓާއިއެކުއެވެ. ފުލުގައި އޮތް މެކަބީ ހައިފާއަށް ވެސް 5 މެޗުން ވަނީ 3 ޕޮއިންޓް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!