އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން، (އައޯރާ)ގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވެއްޖެއެވެ.

ރަސްމީކޮށް އައޯރާގައި ރާއްޖެއިން ބައިވެރިވިކަމުގެ ލިޔުމުގައި ސޮއިކޮށްފައިވަނީ މިހާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

Ad
rt

ޔޫއޭއީއަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ އައޯރާގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމާއިއެކު ރާއްޖެއިން މިސަރަހައްދުގައި އަދާކުރާ ދައުރު، އިތުރުވެ ހަރުދަނާ ވެގެންދާނެ ކަމަށެވެ.

ޝާހިދުވަނީ، އެ އެސޯސޮއޭޝަން އުފެއްދުމުގައި ރާއްޖެއިން އަދާކުރައްވާފައިވާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ދައުރުގައި އައޯރާ އުފެއްދުމުގައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައި މިއަދު އައޯރާގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން އަލިއަޅުވާލާނީ ސަރަަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޑިއާކަނޑަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަށް ކުޑަކުރުމަށް ވަކާލާތުކުރުމަށްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ރާއްޖެއަކީ މިދާއިރާތަކުން ލީޑަރޝިޕް ރޯލު މިހާރުވެސް އަދާކުރާ ޤައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ، އައޯރާގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމާއެކު ރާއްޖެއިން މިސަރަހައްދުގައި އަދާކުރާ ދައުރު އިތުރުވެ ހަރުދަނާ ވެގެންދާނެކަމަށެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން "އަޔޯރާ" އަކީ އިންޑިއާ ކަނޑާ ގުޅިފައިވާ ގައުމުތަކުގެ ޖަމްއިއްޔާއެކެވެ. އެ ޖަމިއްޔާ އުފެދިފައިވަނީ 1997 ވަނަ އަހަރުގެ މާޗްމަހުގައެވެ. އެ ޖަމިއްޔާ އުފެއްދުމުގެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ ދެކުނު އެފްރިކާގެ އޭރުގެ ރައީސް ނެލްސަން މަންޑޭލާ 1995 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ރާއްޖެއަކީ އައޯރާގައި ބައިވެރިވި 22 ވަނަ ގައުމެވެ.