ފޭސްބުކްގައި ލައިވް ސްޓްރީމް ކުރަމުން، ގަޑިއަކު 300 ކިލޯމީޓަރު ބާރު މިނުގައި ކާރު ދުއްވަނިކޮށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހުން މަރުވެއްޖެ އެވެ.
އިންޑިޔާގެ ބިހާރު ސިޓީއަށް ނިސްބަތްވާ ހަތަރު އެކުވެރިން މިދިޔަ ހަފްތާގައި ބީއެމްޑަބްލިއު ކާރެއްގައި ދަތުރު ކުރަމުން ފޭސްބުކް ލައިވް ސްޓްރީމް ކުރަމުން ދިޔައިރު، ކާރު ދުއްވަން އިން އުމުރުން 35 އަހަރުގެ ޑރ. އަނަންދު ޕްރަކާޝް ބުނަމުން ދިޔައީ އެ "ހަތަރު މީހުން މަރުވާނީ ބާރަށް ކާރު ދުއްވައިގެން އެއްކޮށް" ކަމަށެވެ.
އެމީހުން އެކްސިޑެންޓުވީ ޓްރަކެއްގައި ޖެހިގެންކަމަށް އެގައުމުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. އެމީހުންގެ ލައިވް ސްޓްރީމުން އެނގޭ ގޮތުގައި އޭރު އެމީހުން ކާރު ދުއްވަމުން ދިޔައީ 230 ކިލޯމީޓަރުގެ ބާރުމިނުގައި އެވެ.
އަދި އެވަގުތުވެސް އޭނާ އާއި އެކު ކާރުގައި ތިބި އެކުވެރިން ބުނަމުން ދިޔައީ ކާރުގެ ދުވެލި 300 ކިލޯމީޓަރަށް އެރުވުމަށް ބުނެ މަޖާ ނަގަމުންނެވެ. އެ މީހުންގެ ވާހަކަތައް ހަގީގަތަކަށް ވާން މަދު ސިކުންތުކޮޅެއްވެސް ނުނެގި އެވެ.
ބާރު ސްޕީޑުގައި ދުއްވުމުގެ އިތުރުން ޑްރައިވަރު ހިމެނޭ ގޮތަށް އެންމެން ވެސް ބިޔަރު ބޯން ތިބި ކަމަށް ބެލެވެ އެވެ. އެ ދަޅުތައް ވީޑިއޯއިން ފެނިގެންދެއެވެ.
އެ އެކްސިޑެންޓް ތަހުގީގު ކުރި ފުލުހުން ބުނީ އެކްސިޑެންޓުގައި ހަތަރު މީހުންގެ ހަށިގަނޑުވެސް ކާރުން ބޭރުވެ ވިއްސައިގެން ވަރަށް ދުރަށް ގޮސްފައިވާ ކަމަށެވެ. މި އެކްސިޑެންޓުވީ އެމީހުން އިންޑިއާގެ އުއްތަރްޕްރަދޭޝްއިން ވެރިރަށް ނިއުދިއްލީއަށް ދަތުރު ކުރަމުން ދަނިކޮށް އެކްސްޕްރެސްވޭ އަކުންނެވެ.
Four occupants of BMW killed after head-on-collision with a truck on Purvanchal Expressway in #Sultanpur district.
Via @PathikritToi pic.twitter.com/89cHxaAtUt
— Arvind Chauhan (@Arv_Ind_Chauhan) October 14, 2022
އެމީހުން ދަތުރުކުރި ހައިވޭއެއްގައި ގަޑިއަކު 100 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވުމަކީ މަނާކަމަކެވެ. އެކްސިޑެންޓްވި އެކްސްޕްރެސްވޭގައި އެންމެ ބާރަށް ދުއްވުމުގެ ހުއްދަ އޮންނަނީ ގަޑިއަކު 120 ކިލޯމީޓަރަށެވެ.
ފުލުހުން ބުނީ މި މައްސަލަ ބަލައި ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިހާރު އެމީހުންގެ ކާރު އެކްސިޑެންޓުވި ޓްރަކް ދުއްވަން އިން ޑްރައިވަރު ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
Video: Four people died in a car accident on Purvanchal Expressway near Sultanpur, UP
Minutes before the accident, the victims live-streamed a video showing their BMW car touching a speed of 230 km/h pic.twitter.com/8rRmAv6czS
— The Jamia Times (@thejamiatimes) October 15, 2022
އިންޑިއާ އަކީ އެކްސިޑެންޓްތަކުގެ ސަބަބުން އެންމެ ގިނައިން މީހުން މަރުވާ އެއް ގައުމެވެ. ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ (އެންސީއާރުބީ) އިން ނެރުނު ރިޕޯޓުގައިވާ ގޮތުން އިންޑިއާގައި ކޮންމެ އަހަރަކު ވެސް އެކްސިޑެންޓްތަކުގެ ސަބަބުން ގާތްގަނޑަކަށް 1.50 ލައްކަ މީހުން މަރުވެ އެވެ.
މިދިޔަ އަހަރު 42000 މީހުން މަރުވެފައިވަނީ އިހުމާލުވުމާއި ފަރުވާކުޑަކުރުމުގެ ސަބަބުން ކަމަށާއި 87000 މީހުން މަރުވެފައިވަނީ ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ކަމަށް އެރިޕޯޓުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!