ޖަރުމަނުވިލާތުގެ ބައެއް ސިޓީތަކުގައި ފުރަތަމަ ފަހަރަށް ލައުޑް ސްޕީކަރު ބޭނުން ކޮށްގެން ބަންގި ގޮވަން ހުއްދަދީފި އެވެ.

ރިޕޯތުތައް ބުނާގޮތުގައި ޖަރުމަނުވިލާތުގެ ސިޓިއެއް ކަމުގައިވާ ކޮލޯންގެ މުނިސިޕަލްޓީން މި ހުއްދަ ދިނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. މިދިޔަ ހަފްތާއިން ފެށިގެން އެ ސިޓީގައި ހުންނަ އެންމެ ބޮޑު މިސްކިތުން ބަންގި ގޮވާފައިވެ އެވެ.

Ad
rt

ނަމަވެސް ލައުޑް ސްޕީކަރު ބޭނުންކޮށްގެން ބަންގި ގޮވެނީ ހަމައެކަނި ހުކުރު ދުވަހު އެވެ. އެ ދުވަހުވެސް ސްޕީކަރުން ބޭރަށް އަޑު އިވޭގޮތަށް ބަންގި ގޮވައި ނަމާދު ކުރެވެނީ މެންދުރު 12:00 އާއި 3:00 އާއި ދެމެދު ފަސް މިނެޓަށެވެ.

މި ހުއްދަ ދިން އެ ގައުމުގެ އެހެން ޕްރޮވިންސްތަކުގެ ތެރޭގައި ޑުރެން އާއި ރައުންހެއިމް ހިމެނެ އެވެ. އެ ޕްރޮވިންސްތަކުގައި މީގެ ކުރިން ސްޕީކަރު މެދުވެރިކޮށް ބަންގި ގޮވާފައިވެ އެވެ. މި ނިންމުމާއި އެކު އެ ސަރަހައްދުތަކުގައި ހުރި 35 މިސްކިތަކަށް މި ހުއްދަ ލިބިފައިވެ އެވެ.

އެހުރިހާ މިސްކިތްތަކަކީވެސް ތުރުކީ ދަރިކޮޅުގެ މުސްލިމުން އަޅުކަންކުރާ މިސްކިތްތަކެވެ. ޖަރުމަނުގެ މުސްލިމުންގެ ތެރެއިން ތިން މިލިއަން މުސްލިމުންނަކީ ތުރުކީ ދަރިކޮޅު މީހުންނެވެ.

ބޭރަށް އަޑު އިވޭގޮތަށް ބަންގި ގޮވުމުގެ ހުއްދަ ކޮލޯން މުނިސިޕަލްޓީން ދިނީ ޖަރުމަނުގައި އިސްލާމް ދީނުގެ ހިމާޔަތުގައި މަސައްކަތް ކުރާ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ޓާކިޝް އިސްލާމިކް ޔޫނިއަން ފޯ ރިލިޖިއަސް އެފެއާޒް އާއި އެކު ބޭއްވި ބޮޑެތި މަޝްވަރާތަކަށް ފަހު އެވެ. މި ހުއްދަ ހޯދުމަށް އެދި މުނިސިޕަލްޓީ އާއި އެކު އެ ޔޫނިއަންއިން މަސައްކަތް ކުރާތާ ދެ އަހަރު ފަހުން، ހުއްދަ ދިނީ ކުރިޔަށް އޮތް ދެ އަހަރު ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް ކުރިޔަށް ގެންދާށެވެ.

މި ހުއްދަ ދީފައިވަނީ ޝަރުތުތަކަކާއި އެކު އެވެ. އެއީ އާންމުންނަށް އުނދަގޫ ވާވަރަށް ލައުޑް ސްޕީކަރުގެ އަޑު ގަދަ ނުވުމާއި އެކު އެ ސިޓީގެ އާންމުންގެ ޝަކުވާ ބަންގީގެ އަޑާއި ގުޅިގެން ލިބިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

އަދި ލިބޭ ޝަކުވާތަކަށް ޖަވާބުދާރީ ވާނެ އިސް މީހަކު އެ ޖަމާއަތުން ކަނޑައަޅަން ޖެހެ އެވެ. މީގެ އިތުރުން ބަންގި ގޮވުމުގެ ކުރިން އެކަން ސަރަހައްދުގެ މީހުންނަށް އަންގަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ބުނެ އެވެ.

މި ހުއްދަ ދިނުމާއި ގުޅޭގޮތުން ކޮލޯންގެ މޭޔާ ހެންރިއޭޓް ރެކާ ވިދާޅުވީ ކްރިސްޓިއަނުންގެ ފައްޅިތަކުން ރަނގަބަބީލުގެ އަޑު ސިޓީގެ އެކި ސަރަހައްދަށް އިވޭގޮތަށް މިސްކިތްތަކުން ބަންގި ގޮވާ އަޑުވެސް އިވެންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޖަރުމަނަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މުސްލިމުން އެންމެ ގިނަ ގައުމެވެ. އެއް ވަނައިގަ ފްރާންސް އޮންނައިރު ޖަރުމަނުގައި ފަސް މިލިއަން މުސްލިމް އާބާދީއެއް އެބައޮތެވެ.