2022 ވޯލްޑް ކަޕްގައި ގްރޫޕް އޭ ގައި ހިމެނޭ، މިވަގުތު ފީފާ ރޭންކިންގެ 18 ވަނައިގައި އޮތް ސެނެގާލް މިހާތަނަށް ވޯލްޑް ކަޕްގައި ވާދަކުރީ ދެފަހަރު އެވެ. ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ގައި އޮތް ވޯލްޑް ކަޕްގައި ސެނެގާލް އިން ނެރުނީ ހައިރާންކުރުވި ނަތީޖާއެކެވެ. އެގޮތުން އޭރުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް ފުރަތަމަ މެޗުން ކުރި ހޯދި އެވެ. މިއީ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ އެވެ. އެ މުބާރާތުގައި ސެނެގާލް ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. އެކަމަކު ކުއާޓާ ފައިނަލްގައި ތުރުކީ އަތުން ބަލިވެ، ކެޓީ އެވެ. މި ފަޖަރުގެ ވޯލްޑް ކަޕަކީ ސެނެގާލް ވާދަކުރާ ތިންވަނަ ވޯލްޑް ކަޕެވެ.

ކޮލިފައިވީ ގޮތް

Ad
rt

އެފްރިކާގެ ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް އީ އިން ސެނެގާލް ކޮލިފައިވީ ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ޓޯގޯ އާއި ނެމީބިއާ އަދި ކޮންގޯ ހިމެނުނު ގުރޫޕްގެ އެއް ވަނަ ސެނެގާލް އިން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ. ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކުރިއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. ސެނެގާލް ކޮލިފައިވީ ކުޅުނު ހަ މެޗުން 16 ޕޮއިންޓް ލިބިގެންނެވެ.

ކޯޗު

ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ އަކީ އެ ގައުމުގައި މަގްބޫލު ކޯޗެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ވެސް އޭނާ މަޝްހޫރުވި އެވެ. އެގޮތުން 2002 ގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައި، ސެނެގާލް ތާރީހުގެ ތެރެއަށް ވެއްދި ކެޕްޓަނަކީ ސީސޭ އެވެ. ޑިފެންސިވް މިޑްފީލްޑް އަދި ޑިފެންސަށް ކުޅުނު ސީސޭ ވަނީ ސެނެގާލްގެ ގައުމީ ޓީމަށް 35 މެޗު ކުޅެފަ އެވެ. ފްރާންސްގެ ޕީއެސްޖީ އަދި އިނގިރޭސިވިލާތުގެ ބޯންމައުތް ފަދަ ކްލަބުތަކަށް އޭނާ ކުޅުނެވެ. ކޯޗިން ދާއިރާ އަށް ސީސޭ ނުކުތީ 2012 ވަނަ އަހަރެވެ. ކޯޗިންގައި ސީސޭގެ އެންމެ ފުރަތަމަ ތަޖުރިބާ އަކީ ސެނެގާލްގެ 23 އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓް ކޯޗުކަމެވެ. އެއަށް ފަހު 23 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަން އޭނާ ކުރި އެވެ. ގައުމީ ޓީމާ އޭނާ ހަވާލުވީ 2015 ވަނަ އަހަރެވެ. ސީސޭގެ ކޯޗުކަމުގައި މިހާތަނަށް ސެނެގާލް ކުޅުނު 143 މެޗުގެ ތެރެއިން އެޓީމު 100 މެޗުން މޮޅުވިއެވެ. ބަލިވީ އެންމެ 17 މެޗުންނެވެ. 26 މެޗުން ވީ އެއްވަރެވެ.

މުހިންމު ކުޅުންތެރިން

ސަދިއޯ މާނޭ

ސެނެގާލްގެ ޓީމުން މިހާރު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ޖަރުމަނުގެ ބަޔާން މިޔުނިކް އަށް ކުޅެމުން އަންނަ ފޯވަޑް ސަދިއޯ މާނޭ އެވެ. ސެނެގާލްގެ ސީނިއާ ޓީމަށް މާނޭ ކުޅެން ފެށީ 2012 ގަ އެވެ. މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 93 މެޗުގައި އޭނާ ވަނީ 34 ލަނޑު ޖަހައިފަ އެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ސެނެގާލް ކޮލިފައިވުމުގައި މާނޭގެ ދައުރު ބޮޑެވެ. އެގޮތުން މާނޭ ވަނީ މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ހަތް ލަނޑު ޖަހައިދީފައެވެ.

އެޑޮއާޑް މެންޑީ

ސެނެގާލްގެ ގައުމީ ޓީމަށް 2018 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އެޑޮއާޑް މެންޑީ އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ފާހަގަކޮށްލެވޭ ގޯލްކީޕަރެކެވެ. މަސައްކަތުގެ ރޭޓު ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވިފައިވާ މެންޑީ ކެރިއަރު ފެށީ ފްރާންސް އިންނެވެ. ފްރާންސްގެ އޭއެސް ޗެރްބޯގް ފުޓްބޯޅަ ކުލަބް އަށް 2010 އިން 2013 އަށް ކުޅުމަށް ފަހު ބަދަލުވީ މާސޭ އަށެވެ. އޭގެ ފަހުން ރޭއިމްސްއާއި ރޭނިސް އަށް ކުޅުމަށް ފަހު 2020 ވަނަ އަހަރު ބަދަލުވީ ޗެލްސީއަށެވެ. މެންޑީ އަންނަނީ ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މެންޑީ ވަނީ ޗެލްސީއާއި އެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގު، ކުލަބު ވޯލްޑް ކަޕް، ޔޫއެފާ ސުޕަ ކަޕް ފަދަ މުބާރާތްތައް ޗެލްސީއާއި އެކު ކާމިޔާބު ކޮށްފައިވެއެވެ.

ގުރޫޕުގައި އޮތް ފުރުސަތު

ސެނެގާލް ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕްގައި ތިބި ޓީމުތަކަށް ބަލާއިރު މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަވެރި އެއް ގުރޫޕަށް ވެދާނެ އެވެ. ސެނެގާލް އަކީ ވެސް މި ގުރޫޕުން ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރާނެ ގައުމެކެވެ. މީގެ އިތުރުން ނެދަލެންޑްސް، އެކުއެޑޯ އަކީ ވެސް މި ގުރޫޕުން ދެވަނަ ބުރަށް ވާދަކުރާނެ ކަމަށް ބެލެވޭ ދެ ގައުމެވެ. ނެދަލެންޑްސް އަކީ މި ގުރޫޕުން ސަޕްރައިޒިން ނަތީޖާއެއް ނެރެވޭ ފެންވަރުގެ ޓީމެކެވެ. އެހެންކަމުން މި ގުރޫޕުން ސެނެގާލް އަށް ދެވަނަ ބުރުން ޖާގަ ހޯދަން ފަސޭހައެއް ނުވާނެ އެވެ.