ސިޓީ ކައުންސިލްތަކުގެ މޭޔަރުން، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުން، އަދި ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންނައި ސިވިލް ސަރވިސް ކޮމިޝަނުން ބައްދަލުކުރައްވައިފި އެވެ.
ތިން ދުވަހަށް ބަހާލައިގެން އޮންލައިންކޮށް ކުރިއަށް ގެންދެވުނު މި ބައްދަލުވުންތަކުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް، ނާއިބު ރައީސް، މެންބަރުން އަދި ސީނިއަރ މެނޭޖްމެންޓް ޓީމުގެ ބޭފުޅުން ނެވެ.
މި ބައްދަލުވުމުގައި ސިޓީ ކައުންސިލް އިދާރާތަކާއި އަތޮޅު އަދި ރަށު ކައުންސިލް އިދާރާތަކައި ގުޅުން ހުރި ކޮމިޝަނުގެ އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ޑިވިޝަން، ރެކްރޫޓްމަންޓް ޑިވިޝަން އަދި ޕަރފޯމަންސް މެނޭޖްމަންޓް ޑިވިޝަނުން މިވަގުތު ކުރަމުންދާ އަދި މުސްތަގުބަލަށް ރޭވިފައި ހުރި މަސައްކަތްތަކައި ގުޅޭ ގޮތުން ވަނީ މައުލޫމާތު ހިއްސާކުރެވިފަ އެވެ.
މީގެ އިތުރުން ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފަ އެވެ.
މިއީ ކައުންސިލްތަކަށް އިންތިހާބުވެފައިވާ މަންދޫބުންނާނައި އިދާރާތަކުގައި މަސައްކަތްކުރަމުން އަންނަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ދެމެހެއްޓެނެވި ގޮތެއްގައި ރަނގަޅު ކުރުމުގެ މަގުސަދުގައި ބޭއްވި ބައްދަލުވުމެކެވެ.
ސީއެސްސީން ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ވެސް މިފަދަ ސިލްސިލާ ބައްދަލުވުންތަކެއް ކޮމިޝަނުން އިންތިޒާމްކޮށްގެން އިންޓަރެކްޓިވްގޮތެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!