ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމަށް އިމާދު ސާލިހު އައްޔަންކުރައްވައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭއިން ވިދާޅުވީ މީގެ ކުރިން އެ މަގާމަށް ކުރިމަތިލުމަށް އިއުލާނުކުރުމުން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ މަގާމުގެ ޝަރުތުތައް އިސްލާހުކޮށްފައިވާ ކަމަށެވެ.

Ad
rt

އެގޮތުން ޕޭ ކޮމިޝަން މެދުވެރިކޮށް އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

އެންޑީއޭ އިން ވިދާޅުވީ އިމާދު އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ ނޮވެމްބަރ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ރައްޔިތުން މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އިމާދު ސާލިހު، އެންޑީއޭއަށް ސީއީއޯއަކު އައްޔަންކުރައްވާފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު ހަބީބު އެ މަގާމުން ވަކިކުރެއްވުމާއި ގުޅިގެން ނެވެ. ހަބީބު އެ މަގާމުން ވަކިކުރައްވާފައިވަނީ 16 މެއި 2021 ގަ އެވެ.

އިމާދު ސާލިހަކީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީއާ އެންޑް ލޯ އާއި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހައްދަވާފައިވާ ބޭފުޅެކެވެ. އަދި ޔުނިވަރސިޓީ އޮފް ނޮޓިމްހަމް އިން މާސްޓަރ އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ވެސް ވަނީ ހާސިލުކުރައްވާފަ އެވެ.