ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ޚާއްސަ ހަރަކާތް، "ރިވެލި ތަރި" މައުރަޒަށް ކުރިމަތިލުމަށް ފުރުސަތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ވިދާޅުވީ މި މައުރަޒަށް ކުރިމަތި ލުމަށް 30 އޮކްޓޫބަރު ވާ އާދީއްތަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ހުޅުވާލާފައިވ ކަމަށެވެ. އަދި މައުރަޒަށް ހުށަހަޅާ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް ސީޓްރެކް ބިލްޑިންގ ގެ 7 ވަނަ ފަންގިފިލާ ގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން އެ މިނިސްޓްރީގެ ވެބްސައިޓް http://www.gender.gov.mv އަދި އެ މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ވެސް ލިބެން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"ރިވެލި ތަރި" މައުރަޒުގެ މައިގަނޑު މަޤުސަދަކީ މި މައުރަޒު މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމެވެ.

މި މައުރަޒުގައި ބައިވެރިކުރާ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 02 ވަނަ ހަފުތާގެ ތެރޭގަ އެވެ. މިކަމާއި ގުޅިގެން މި މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މިނިސްޓްރީން ގުޅައި މިކަމާއި ގުޅުންހުރި މަޢުލޫމާތު ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މި މައުރަޒަށް ކުރިމަތިލާނީ "ރިވެލި ތަރި" މައުރަޒަށް ހުށަހަޅާ ފޯމުން ކަމަށާއި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ފޮނުވުމަށް ހަމަޖެހިފައިވަނީ disability@gender.gov.mv މެއިލަށް ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވި އެވެ.