ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ)ން ތަރައްގީކުރާ އެސްއެމްއީ ހަބުން ކުދި ވިޔަފާރިތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޯސްކުތަކަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު ބީސީސީން ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލި މި ފުރުސަތުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ މިއަދާ ހަމައަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.
ބީސީސީގެ އެސްއެމްއީ ހަބަކީ މި އަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމައިފައިވާ ހަބެކެވެ.
ބީސީސީން މިފަދަ ހަބެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ، އެކި ދާއިރާތަކުން ވިޔަފާރިކުރާ ފަރާތްތަކަށް މާކެޓް އެކްސެސް ހޯދައިދިނުމާއި، މި ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުންކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން ފުރަތަމަ ފަންގިފިލާގެ ކިއޮސްކުތައް ޚާއްސަކުރެވިފައިވަނީ ކާބޯތަކެތި ތައްޔާރުކޮށް، ވިއްކާ ފަރާތްތަކަށެވެ.
އެލައިޑް ބިލްޑިންގުގެ 3 ފަންގިފިލާގައި ތަރައްގީކުރަމުން އަންނަ އެސްއެމްއީ ހަބަކީ މޯލެއްގެގޮތުގައި ތަރައްގީކުރާ ތަނެކެވެ.
އެސްއެމްއީ ހަބުން އަމިއްލައަށް ވިޔަފާރި އައުޓްލެޓެއް ހުޅުވުމުގެ ކުރިން، އެމީހަކު އުފައްދާ އުފެއްދުމަކީ ނުވަތަ ފޯރުކޮށްދޭ ޚިދުމަތަކީ މުޖްތަމައު ބަލައިގަންނަ، ޑިމާންޑް އޮތް، ނުވަތަ ވިއްކޭނެ މުދަލެއްކަން ޔަގީންކޮށް، ވިޔަފާރި ހުޅުވުމާ ދޭތެރޭގައި ތަޖުރިބާކޮށްލަން ފުރުސަތު ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!