ކ. ގިރިފުށީގައި ތަމްރީނު ހެދުމުގެ ގޮތުން ސިފައިން މިއަދު ބަޑި ޖަހަމުން ދަނިކޮށް، އެ ރަށު ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް އެ ރަށުން ޖެހި ވަޒަނެއް އަރައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ، ޓޫރިސްޓް މީހާގެ ގައިގާ ޖެހިފައި ވަނީ، ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ ވަޒަނެއް ކަމަށެވެ. އަދި ވަޒަން ދިޔައީ އެމީހާގެ ކަރުގައި ކޭތިލާފައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ފަތުރުވެރިޔާ ސީއެމްބިއުލެންސްގައި ހުޅުމާލެ ގެނެސް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށް އެންއެންޑީއެފްއިން މަޢުލޫމާތުދެއެވެ.
ސިފައިން ލައިވް ވަޒަން ބޭނުންކޮށްގެން މިއަދު ގިރިފުށީގައި ތަމްރީންތަކެއް ހަދަމުން އަންނަކަން މީގެ ކުރިން އިއުލާން ކޮށްފައިވެެސްވެ އެވެ.
އަދި އެމްއެންޑީއެފްގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިކަމުގެ މަޢުލޫމާތު ލިބުމާއެކު، އެކަން ބެލުމަށް އެފަރާތުން ހަރަކާތްތެރިވަމުން އަންނަ ކަމުގައެވެ.
މީގެކުރިން ގިރިފުށީ ތަމްރީނެއްގައި ޖެހި ވަޒަނެއް އެ ރަށް ކައިރީގައި އޮންނަ ހިންމަފުށީ ގެއެއްގެ ދޮރަށް އެރި މައްސަލައެއް ވެސް ފެންމަތިވި އެވެ. ގިރިފުއްޓަކީ އާންމުކޮށް ސިފައިން ވަޒަނާއެކު ތަމްރީނުތައް ހަދާ ރަށެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ މިއަދު15:28 ގައި ފުހުންނަށް މިކަން ރިޕޯޓްކޮށްފައިވާ ކަމަށާއި މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!