މަދަރުސާއެއްގައި ކިޔަވައިދޭ މުދައްރިސެއްކަމުގައި އަދި ނުވި ނަމަވެސް، ފާއިތުވި ހަފްތާގައި ވިލާ-ކޮލެޖު ހިންގާ އިމާރާތުގެ ހޯލުގައި، އެކޮލެޖުގެ ރެކްޓަރ، ޑރ. އަހްމަދު އަންވަރު ދެއްވުމަށް ހަމަޖެހިފައިވާ ސެޝަނަކަށް ދިއުމަށް އަޅުގަނޑަށް ދައުވަތު ލިބުނެވެ.

ހޯލަށް ވަދެ، މުދައްރިސުންނާއި، ލީޑީން-ޓީޗަރުންނާއި މިނޫންވެސް ތަޢުލީމީ ދާއިރާގައި ސީދާގޮތުން ދަރިވަރުންނާ ކުރިމަތިލައި އުނގަންނައި ދިނުމުގެ މާތް ޚިދުމަތާއިގެން އަވަދިނެތި އުޅުއްވާ އެތައް އަބްޠާލުންނެއް ހާޒިރުވެ ތިބި އެޗާލު ޢިލްމީ ވެށީގައި ރީތިކޮށް އަތުރާލެވިފައިވާ ގޮނޑިތަކުން ގޮނޑިއެއްގައި އަޅުގަނޑު ޝައުޤުވެރިކަމާއެކު އިށީނދެލިއިރު، މިސެޝަނުގައި ދެކެވެން އުޅެނީ ކޮން ވާހަކަތަކެއް ކަމެއް އެއްގޮތަކަށްވެސް ނޭގެއެވެ. އަދި ތަޢުލީމީ ދާއިރާގެ ތަޖުރިބާއަށް ބަލާއިރު، މަތީފަޑީގެ މިހާ އިސް ފަރާތަކުން ހުށަހަޅައިދޭން އުޅުއްވާ ސެޝަނުން އަޅުގަނޑުމެންނަށް ދޭން ބޭނުންވާ މެސެޖާ މެދުވެސް ހިތުގައި މާ ބޮޑު ތަސައްވަރެއް ކުރެވިފައެއް ނެތެވެ.

Ad
rt

ކޮންމެވެސް ވަރެއްގެ ތަޢާރަފަކަށްފަހު، ޑރ. އަންވަރު، ދައްކަވަން އައި ވާހަކަ ފެއްޓެވިއެވެ. އާދެ މިސެޝަނުގައި އެމަނިކުފާނު އަޅުގަނޑުމެންނާ ހިސްއާކޮށްލަން ބޭނުންވީ، މުޅި ދުނިޔޭގައި ވެސް އެންމެ ކާމިޔާބު ތަޢުލީމީ އަދި މަދަރުސީ ނިޒާމެއް ހިނގަމުންދާ ފިންލެންޑުގެ ތަޢުލީމީ ނިޒާމާއި މަދަރުސާތައް ހިނގާ ގޮތްތައް ބައްލަވައިލެއްވުމަށް އެމަނިކުފާނު ކުރެއްވި ދަތުރުގެ ތަޖުރިބާ އެވެ.

ކުރުގޮތަކަށް ބުނާނަމަ ފިންލެންޑަކީ މުދައްރިސުންގެ އަގު ވަރަށް ބޮޑަށް ވަޒަން ކުރާ ޤައުމެކެވެ. މުދައްރިސުންނަކީ ޤައުމުގެ ވަޒީފާތަކުގެ ނިސްބަތުން ވަރަށް ބޮޑު މުސާރައެއް ލިބޭ ބައެކެވެ. އަދި ހަމަ އެހެންމެ މުދައްރިސަކަށް ވުމަކީ ކޮންމެ ކޮންމެ މީހަކަށް ވެވޭ ކަމެއް ނޫނެވެ. އެއީ ޤާބިލު، އަދި މި މުހިންމު ޚިދުމަތަށް އެކަށޭނަ، “ކޮލިފައިޑް” ބައެކެވެ. އެއާއެކު، “ބޮއްސުންލާފައިވާ” ދިވެހި ރާއްޖޭގެ ތަޢުލީމީ ވެށީގައި އުނގަންނައިދިނުމުގެ ޙަރަކާތްތަކުގެ އެންމެ މުހިންމު ރޯލު އަދާކުރައްވާ މުދައްރިސުންގެ ތެރެއިން ހާޒިރުވެ ތިއްބެވި ޖަލީސުންގެ މޫނުތަކުން ޝައުޤުވެރިކަމުގެ ކުލަވަރުތައް ފެންނަން ފެށިއެވެ. އެންމެންވެސް ތިބީ “އައިޑިއަލް” ކުލާސްރޫމެއްގައި ތިބޭނޭ ދަރިވަރުންތަކެއް ފަދައިން ކަނުލައި އަޑުއަހާށެވެ. ޑރ. އަންވަރުގެ ވާހަކަތަކުން އެނގުނު އެއްޗެއް އަޅުގަނޑު ހިއްސާކޮށްލުމަށް މިވަގުތު މަސައްކަތް ކޮށްލާނަމެވެ.

ފިންލެންޑުގެ ތަޢުލީމީ ނިޒާމުގެ މައިގަނޑު ފަލްސަފާއަކީ، ހުރިހާ ކުދިންނަކީ ވެސް އުނގެނުމުގެ ޤާބިލުކަން ލިބިފައިވާ ބައެއް ގޮތުގައި ދެކިގެން މި ނިޒާމު ހިންގުމެވެ. އެގޮތުން މަދަރުސާއަށް (ގްރޭޑް އެކެއްގެ ލެވެލަށް) ކުއްޖާ ވަންނަ ހިސާބުން ބޮޑެތި މުހިންމު ފިޔަވަޅު ތަކެއް އެޅެއެވެ. ފުރަތަމަ ހަފްތާގައި މުދައްރިސު، ކުލާހުގެ ކުދިންގެ ޙާލަތު ވަރަށް ބޮޑަށް ދަސްކޮށްލައެެވެ. ކުދިންގެ ތަޢުލީމީ ފެންވަރު ހުރިނެތް ވަރާއި، ތޫނުފިލިކަމުގެ މިންވަރާއި، މަސައްކަތްކުރުމާއި ބުނެދޭ އެއްޗެއް ނަގައިގަތުމުގެ ޤާބިލުކަން އެކި ކުދިންގެ ކިބައިގައި ހުރިނެތް މިންވާރާއި މިނޫންވެސް މުހިންމު ކަންކަމެވެ. އަދި އެމުދައްރިސުގެ ސިކުނޑީގައި ދަރިވަރުން، އެދަރިވަރުންގެ ޙާލަތާ ގުޅޭ ގޮތުން އެކި ގުރޫޕް ތަކަށް ބަހާލައެވެ.

މިކުދިންނަކީ ކޮބައިކަމެއް އަދި އެކުދިން ގުރޫޕް ކުރެވުނު ގޮތެއް އަދި މިވެނި ގުރޫޕެއްގައި ވަނީ ކޮން ކުދިންނެއް ކަން އެނގޭ ހަމައެކަނި މީހަކީ އެމުދައްރިސެވެ. މަދަރުސާގެ ޕްރިންސިޕަލަށް ވެސް އޭގެން ކަމެއް ނޭނގޭނެއެވެ. އެއާއެކު ފުރަތަމަ ދެތިން މަސް ތެރޭގައި އެކި ގޮތްގޮތުން ދަށް ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް މުދައްރިސުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައެވެ. އެއާއެކު، އެކުދިންތަކަކީވެސް އެހެން ކުދިންތަކާ އެއް ފެންވަރެއްގެ ނުވަތަ އެއާ ގާތްކުރާ ފެންވަރެއްގެ ކުދިންތަކަކަށް ވެއެވެ. މިވަރުގަދަ ފިޔަވަޅާއެކު، ކުރިއަށް އޮތް މަރުޙަލާ ތަކުގައިވެސް އުނގަންނައި ދިނުމުގެ ނިޒާމު ވަރަށް ރަނގަޅަށް ތަދުބީރު ކުރެވިގެން ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ، އަޅުގަނޑުމެން މިކިޔާ “ވީކް ސްޓޫޑެންޓުންނެއް” އަދި ކިޔަވަން ނޫޅޭ ކުދިންނެއްވެސް ފިންލެންޑުގެ ސްކޫލުތަކުގައި ނުތިބުމެވެ.

އަޅުގަނޑުމެންގެ ޤައުމުގެ މަދަރުސާތަކުގެ ދަރިވަރުންގެ އަޣުލަބިއްޔަތަކީ މަންމަ މެން ފޮނުވާތީ އެނޫންގޮތެއް ނެތިގެން ކުލާހަށް ދާ ބައެކޭ ބުނެފި ނަމަ، އެވާހަކަޔާ އެއްކޮޅަށް އަރާނެ ކިތަންމެ މުދައްރިސުންނެއް ތިބޭނެއެވެ. ނަމަވެސް ފިންލެންޑުގެ މުދައްރިސުންގެ ރާގު މުޅިންވެސް ތަފާތެވެ. އެޤައުމުގެ މަދަރުސާތަކުގައި ކިޔަވާ ކުދިން މަދަރުސާތަކަށް ދަނީ ކިޔަވާ ހިތުންނެވެ. އަދި އެތަންތަނަށް ދާން ބޭނުންވެގެންނެވެ.

ފިންލެންޑުގެ މަދަރުސާތަކުގައި “ފިލާވަޅަކީ”، ޓެކްސްޓު ފޮތުގައި ވާ އެއްޗެއް މުދައްރިސު ކިޔާލަދީފައި ދާ ދިއުމެއް ނޫނެވެ. އެހެނަސް އެއްވެސް ޙާލެއްގައި، މުދައްރިސު އެއްވެސް އެއްޗެއް ކުލާސްރޫމް ތެރޭގައި ނުކިޔައިދޭ ވާހަކައެއް ވެސް ނޫނެވެ. އެކަމަކު، މައިގަނޑު ވިސްނުމަކުން ބުނާނަމަ، ފިންލެންޑުގައި “ފިލާވަޅަކީ” ދޭކާއި ފަހަކާ ދެމެދުގެ ކުދިންގެ މައްޗަށް ބަހާލެވިގެން ހެދިފައިވާ ގުރޫޕް ތަކެއްގައި ތިބޭ ކުދިންނަށް ހަވާލު ކުރެވޭ މަސައްކަތްތަކަކާއި “އެކްޓިވިޓީސް” ތަކެކެވެ. ޙަވާލު ކުރެވޭ ކަންކަން ރާވާލެވިފައި ވަނީ ގުރޫޕުގައި ހިމެނޭ ހުރިހާ ކުދިންވެސް ބައިވެރިވެގެން މެނުވީ އެކަމެއް ނިންމާ ނުލެވޭ ފަދަ ގޮތަކަށެވެ. އަދި މަސައްކަތްކުރެވެނީ ގުރޫޕް ތަކުގައި ވަރަށް ބޮޑު މިނިވަންކަމަކާއެކުއެވެ.

މާނައަކީ ކުދިންތައް ކޮންމެހެން ކްލާސްރޫމް ތެރޭގައި “ތަޅުލެވިފަ” ތިބޭކަށް ނުޖެހެއެވެ. ކުލާސްރޫމް ތެރޭގައި، ނުވަތަ ކޮރިޑޯގައި ނުވަތަ މަދަރުސާގެ އިމާރާތުގެ ބޭރުގައިވެސް ކުދިން އެކުދިންގެ ގުރޫޕާއެކު ތިބެދާނެއެވެ. ކޮންމެ ތަނެއްގައި ތިބި ނަމަވެސް އެދަރިވަރުން އަބަދުވެސް ތިބެނީ އެދުވަހަކަށް ހަވާލުކުރެވިފައިވާ މަސައްކަތްތަކުގައި މަޝްޣޫލުވެފަ އެވެ. މިއީ ރާއްޖޭގެ މުޖުތަމަޢާ ޚިލާފަށް ފިންލެންޑުގައި ފާހަގަ ކޮށްލެވޭ ކަމެކެވެ. ބޭކާރު ވާހަކަތައް ދެއްކުމެއް ނޯވެއެވެ. ދަރިވަރުންގެ ކަމަކީ ގުރޫޕް ތެރޭގައި މަޝްވަރާކޮށްގެން އެމަސައްކަތްތައް ނިންމުމެވެ. މުދައްރިސުން ވެސް ބޭކާރު އަނގަ ތެޅުމުގައި ވަގުތުތައް ބޭކާރުކޮށްނުލައި ދިމާވާ ކޮންމެ ވަގުތެއްގައިމެ ދައްކަނީ “ޓީޗިން-ޕްރޮސެސްގެ” ވާހަކަތަކެވެ.

ވާނީވެސް އެހެންތާއެވެ. މުދައްރިސުންވެސް އެފަރާތްތަކުގެ ވަޒީފާ އަދާކުރައްވަނީ ކުރާހިތުން ވަރަށް ޝައުޤުވެރިކަމާއެކީއެވެ. މަދަރުސާތަކުގައި އުނގަންނައިދިނުމުގެ ހުރިހާ ކަމެއްހެން ޙަވާލު ކުރެވިފައި ވަނީ މުދައްރިސުންނާއެވެ. މުދައްރިސުންގެ ކަންކަން ސުޕަވައިޒް ކޮށް، ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންތައް ކިޔައިދީ ހަދާނެ ލީޑިން ޓީޗަރުންނެއް އެމަދަރުސާތަކުގައި ނުތިބެއެވެ. އަދި ތިބުމަކަށް ބޭނުމެއްވެސް ނުޖެހެއެވެ. ކިޔަވައިދިނުމުގެ “ޕްރޮސެސް” ވަނީ މުދައްރިސުންގެ އަތްމައްޗަށް ދޫކޮށްލެވިފައެވެ. މުދައްރިސުން ބޭނުންވާ ގޮތަށް ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވެއެވެ. ޚުދު ޕްރިންސިޕަލް ވެސް އެކަމަކާ ނުބެހެއެވެ. ކިޔަވައިދިނުން ކުރިއަށްދަނީ މުދައްރިސުންގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުންނެވެ. ކަންކަން އެންމެ ރަނގަޅަށް ތަދުބީރުކޮށް ރޭވުމަށްޓަކައި މުދައްރިސުންގެ މެދުގައި އެކިއެކި ކޮމިޓީތައް ހެދިފައިވެއެވެ. އަދި މުދައްރިސުންގެ މެދުގައި ކަންކަން ބަހާލެވި ކިޔަވައިދިނުމާއި އުނގަންނައި ދިނުމުގެ ކަންކަން ވަރަށް އޮމާންކޮށް ކުރިއަށް ގެންދެއެވެ.

އެއާއެކު ހުރިހާ ދަރިވަރުންވެސް ސެޝަން ނިންމާލާފައި ގެއަށް ދަނީ، ހަވާލުކުރެވިފައިވާ ހުރިހާ މަސައްކަތެއް ނިންމާލާފައި، ހުރިހާ “ލާނިން އައުޓްކަމްތައް” ޙާޞިލު ކުރުމަށްފަހުގައެވެ. މުދައްރިސު ގެއަށް ދަނީ ރަނގަޅު ފިލާވަޅެއް ނަގައިދެވުމުގެ ފުރިހަމަ ހިތްހަމަ ޖެހުމާއެކުއެވެ. ބެލެނިވެރިން ތިބެނީ ދަރިވަރުންނަށް ލިބޭ ތަޢުލީމާމެދު ހިތްހަމަޖެހިގެންނެވެ.

މުޅި ތަޢުލީމީ ނިޒާމު މިހާ އޮމާންކަމާއެކީގައި ހިނގުވައިދޭ “ކެޓަލިސްޓަކީ” އިތުބާރެވެ. މުޅި މުޖުތަމަޢު ވެސް “ސްކޫލް ސިސްޓަމަށް” އިތުބާރު ކުރެއެވެ. ބެލެނިވެރިން ވަކި މަދަރުސާ އަކީ ވަކި “މޮޅު” ނުވަތަ “ރަނގަޅު” މަދަރުސާ އެއްކަމަށް ކަނޑައެއް ނާޅައެވެ. އެޤައުމުގެ ކޮންމެ މަދަރުސާއަކަށް ދަރިފުޅު ވެއްދި ނަމަވެސް ޤައުމުން ދެވެން އޮތް އެންމެ ފުރިހަމަ ތަޢުލީމެއް ދަރިފުޅަށް ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ކޮންމެ ބެލެނިވެރިއެއްގެ ކިބައިގައި އޮވެއެވެ. މުދައްރިސުން، ކިޔަވައިދިނުމުގެ “ޕްރޮސެސް” އެންމެ ރަނގަޅަށް ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު ޕްރިންސިޕަލުންނަށް އޮވެއެވެ. އަދި މުދައްރިސުން “ސުޕަވައިޒް” ކުރުމުގެ މާބޮޑު ބޭނުމެއް ނޯވެއެވެ. ދަރިވަރުން، އެކުދިންނާ ޙަވާލު ކުރެވޭ މަސައްކަތްތައް ފުރިހަމައަށް ނިންމާނެ ކަމުގެ ފުރިހަމަ އިތުބާރު މުދައްރިސުންނަށް އޮވެއެވެ. އަދި ދަރިވަރުން “ސުޕަވައިޒް” ކުރުމުގެ މާބޮޑު ބޭނުމެއް ނޯވެއެވެ.

މިވާހަކަތަކަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެންގެ މިދީބުގެ މުޖުތަމަޢު ބިނާކުރުމުގެ ބުރަބޮޑު މަސްއޫލިއްޔަތުގެ ބޮޑު ބަޔަކާ ޙަވާލުވެގެން ތިއްބެވި މުދައްރިސުންގެ ލޮލުން ކަރުނަ ފާއްދާލަނިވި ފަދަ ފޮނި ވާހަކަތަކެކެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މުދައްރިސެއްމެ ބޭނުންވަނީ މި ސިފަ ކުރެވިގެން ދިޔަ ފަދަ މާޙައުލެއްގައި ކިޔަވައިދިނުމުގެ މާތް ޚިދުމަތާއިގެން ކުރިއަށް ދާށެވެ. ނަމަވެސް އަދި ބޭނުންވާ ހުރިހާ ކަމަކީ އެހާ ފަސޭހައި ޙާޞިލު ވެދާނޭ ކަންތަކެއް ކަމުގައި ނުވުން ވެސް އެކަށީގެންވެއެވެ. އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމަކީ ވަރަށް ގަޑުބަޑު ނިޒާމެކެވެ. މޮޅު މަޤުސަދަކާއެކު ކަޅާ ހުދުން ލިޔެވިގެންހަދާފައިވާ ޤައުމީ މަންހަޖާއި މުޤައްރަރުގައިވާ ކަންކަން ތަންފީޒެއް ނުކުރެވެއެވެ. މި ނިޒާމު އިސްލާޙު ކުރުމަށްޓަކައި، ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް މި ނިޒާމާ ގުޅިފައިވާ އެންމެހާ ފަރާތްތަކުންވެސް އެފަރާތެއްގެ ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރަން އެބަ ޖެހެއެވެ.

މުދައްރިސުންނަކީ އެމުދައްރިސުންގެ މާއްދާގެ އިތުރުން ތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާއިން ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް އުނގެނިފައުވާ ބަޔަކަށް ވާން އެބަ ޖެހެއެވެ. އަދި އެކަމަށްޓަކައި ފައިސާއާއި ވަގުތު ހޭދަކުރަން ފަސް ޖެހޭ ބައެއް ކަމުގައި އެމުދައްރިސުން ވެގެން ނުވާނެއެވެ. އެއާއެކު މުދައްރިސުންނަށް އެމުދައްރިސުންގެ މަސައްކަތާ އެކަށޭނަ މުސާރައެއް ލިބެން ޖެހެއެވެ.

މުދައްރިސުންނަށް ލިބިފައިވާ “ޓީޗިން” ދާއިރާގެ ތަޢުލީމާއި އެކިއެކި ތަޖުރިބާ ތަކާއެކު، އެމުދައްރިސުން ބޭނުންވާ ގޮތަށް ކިޔަވައިދިނުމުގެ ކަންކަންް ކުރިއަށް ގެންދިއުމުގެ ފުރިހަމަ މިނިވަންކަން އެފަރާތްތަކަށް ދޭން ޖެހެއެވެ. ޠައުލީމީ ނިޒާމުގެ “ޕޮލިސީތައް” ކަނޑައަޅަން ތިބި ފަރާތްތަކަކީ ވެސް ތަޢުލީމީ ޤާބިލު ބަޔަކަށް ވާން އެބަ ޖެހެއެވެ. އަންނަން އޮތް އިންތިޚާބުގައި ޕާޓީގެ ކެންޑިޑޭޓަށް ގިނައިން ވޯޓު ލިބޭނެ ގޮތްތަކަށް ބެލުމެއްނެތި، ނުވަތަ ވަކި ސިޔާސީ ފަރާތްތަކަކަށް ނުވަތަ އެނޫން ވެސް ބަޔަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދިނުމުގެ މަޤުޞަދެއްނެތި، ނުވަތަ މަތީ މަޤާމެއްގައި ވާ މިވެނި އެވެނި މީހެއް ހިތްހަމަ ޖެއްސުމަށްޓައި ކަންކަން ކަނޑައަޅަން އުޅޭ ބައެއްކަމުގައި އެފަރާތްތައް ވެގެން ނުވާނެއެވެ. ރަނގަޅު ތަޢުލީމީ ނިޒާމެއް ޤާއިމު ކުރުމުގެ ފުރިހަމަ އަޒުމާއެކު މަސައްކަތް ކުރާ ބަޔަކަށް އެފަރާތްތައް ވެގެން މެނުވީ މި ނިޒާމު އިސްލާހެއް ނުވާނެއެވެ.

ހަމައެހެންމެ މުދައްރިސުންގެ “ކޮލިޓީ” ރަނގަޅު ކުރުމަށްވެސް ޕޮލިސީ ލެވެލްގައި ގިނަ މަސައްކަތްތަކެއް ކުރަން އެބަ ޖެހެއެވެ. “ޙައްޤުތަކުގެ” ނަމުގައި ފަތުރާ ނުރައްކާތެރި ވިސްނުންތަކުގެ ދަންތުރައިގައި ޖެހި، ދަރިވަރުންނަކީ އެކިއެކި ނަންނަމުގައި ކިޔޭ ޙައްޤުތަކުން ހިމާޔަތްލިބިފައިވާ، ކުށް ނުކުރެވޭ މައުސޫމު ބައެއްކަމުގައި ނަހަދާށެވެ. ދެން އޮތީ ބެލެނިވެރިންގެ ވާހަކައެވެ. ބެލެނިވެރިންނަކީ މަދަރުސާ ހިނގާ ބަޔަކަށް ވެގެން ނުވާނެއެވެ. އަދި ޕްރިންސިޕަލުންނާއި ލީޑިންޓީޗަރުންނަކީ ބެލެނިވެރިން ދެކެ ބިރުން އުޅޭ ބަޔަކަށް ވެސް ވެގެން ނުވާނެއެވެ. ތިމާގެ ދަރިންނަކީ އިންސާނެއްކަމާއި، ކުށް ކުރެވޭނޭ ކުއްޖެއް ކަމާއި، މުދައްރިސުން އެކުދިންގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަން ޖެހޭ ޝާހީ އަމީރެއް ނުވަތަ އަމީރާއެއް ނޫން ކަން ވެސް ބެލެނިވެރިން ދަންނަންވާނެއެވެ. އަދި ތަރުބިއްޔަތުގެ އެންމެ ބޮޑު ބައެއް އަދާވަނީ އެކުދިންގެ ގެތަކުގައި ކަންވެސް ދަންނަންވާނެއެވެ. އެގޮތުން ބެލެނިވެރިންނާ މާތް ﷲ ޙަވާލު ކުރައްވާފައިވާ މި އަމާނާތް، ރަނގަޅު އިސްލާމީ އަޚުލާޤެއްގެ މަތީގައި އެންމެ ކުޑައިރުއްސުރެ ބޮޑު ކުރުމަށް ދުރާލާ ރޭވިގެން، ތަދުބީރު ކުރެވިފައިވާ މަސައްކަތްތަކެއް ބެލެނިވެރިން ވެސް ކުރަން ޖެހެއެވެ.

އިސްވެ މިދެކެވުނު ވާހަކަތަކަކީ ސެޝަން ނަގައިދިން ފަރާތުން ހާޒިރީންނަށް ދޭން ބޭނުންވި ކަމަށް އަޅުގަނޑަށް ވިސްނުނު މެސެޖެވެ. އެދޭ އެދުމަކީ ޙަޤީޤަތުގައި ނުވަތަ ހުވަފެނެއްގައި ނަމަވެސް އެފަދަ ފުރިހަމަ ތަޢުލީމީ ނިޒާމެއް ރާއްޖޭގައި ވާތަން ފެނިގެންދިއުމެވެ.