ތައުލީމީ ދާއިރާއާ އަލަށް ގުޅޭ މީހުން މަދުވަނީ މުސާރަ އާއި އިނާޔަތްތައް ކުޑަވުމުގެ އިތުރުން، މަސައްކަތް ކުރަން ޖެހޭ މާހައުލަކީ އެންމެ ހިތްގައިމު މާހައުލަކަށް ނުވާތީ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ޓީޗަރުންގެ މުސާރައާ ގުޅޭ އޮނިގަނޑު ޕޭ ކޮމިޝަނާ ހިއްސާކޮށްފައިވާނެ ކަމަށާއި އޮނިގަނޑުގައި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅުން ހުރި ހުރިހާ އެންމެންގެ މުސާރަ އަށް ބަދަލު ގެނައުމަށް ޕޭ ކޮމިޝަނާ ހިއްސާކުރައްވާފައި ވާނެ ކަމަށެވެ.

Ad
rt

ޓީޗަރުން މަސައްކަތްކުރާ ވަރާ ގާތަށް ވެސް އެމީހުންނަށް މުސާރަ ނުދެވޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ޓީޗަރުން 9 ގަޑިއިރާއި 12 ގަޑިއިރާއި ދެމެދުގެ ވަގުތެއް ސްކޫލްތަކުގައި ހޭދަކުރާ ކަމަށެވެ. އަދި އެއަށްފަހު ގެއަށް ގޮސް ކުރިއަށް އޮތް ދުވަހަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ޓިޗަރުން ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ޓީޗަރުންގެ މުސާރަ އަށް ހެޔޮ ގޮތްތަކެއް ވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް މިބަދަލު އަންނާނީ ސީދާ ކޮން ހިސާބެއްގައި ކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

2020 ވަނަ އަހަރަށް ލަފަކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް ހިމަނާފައި ވަނީ 8.6 ބިލިއަން ރުފިޔާ އެވެ. އެއީ ތައުލީމީ ދާއިރާއަށް ބޭނުންވާ ވަރަށްވުރެ ކުޑަ އަދަދެއް ކަމަށާއި ތައުލީމީ ދާއިރާ އަށް ފުރިހަމަކޮށްދެއްވަން ބޭނުންވާ ގިނަ ކަންތައްތަކެއް ހުރިއިރު ވަރަށް ހާލުގައިވެސް ބައެއް ސްކޫލްތައް އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.