ސާނަވީ މަރުހަލާގެ ކޮމްޕިއުޓާ ސައިންސް މާއްދާ ކިޔަވާ ދަރިވަރުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް، ސްމާޓްކޮމްއިން ސްޓަޑީ ޓުއާއެއް ބާއްވައިފިއެވެ.

މިއީ ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމުގެ ގޮތުން އެކަމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފެށިތާ އެއް އަހަރު ފުރުން ފާހަގަކުރުމަަށް ބާއްވާ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. އެގޮތުން ހުޅުމާލޭގައި ސާނަވީ ފެންވަރަށް ކިޔަވައިދޭ ހަތަރު ސްކޫލު ކަމަށްވާ ރެހެންދި ސްކޫލާއި ހުރަވީ ސްކޫލާއި، ޣާޒީ ސްކޫލު އަދި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން ޖުމުލަ 20 ކުދިން މި ސްޓަޑީ ޓުއާގައި ވަނީ ބައިވެރިވެފައެވެ.

Ad
rt

މި ޕްރޮގްރާމަކީ ސްމާޓްކޮމް ބްރޭންޑް އަދި ސްމާޓް ސިޓީ ޕްރޮޑަކްޓްތައް ދަރިވަރުންނަށް ތައާރަފުކޮށްދީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމާއި ކޮމްޕިއުޓާ ސައިންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ކުދިން އިތުރަށް ޝައުގުވެރި ކުރުވުން ކަމަށް އެޗްޑީސީން ބުނެއެވެ.

މިޓުއާގައި ސްމާޓް ސިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން ދަރިވަރުންނަށް ޕްރެޒެންޓޭޝަނެއް ދިނުމާއި، ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ގާއިމުކޮށްފައިވާ ސްމާޓް ޕޯލް އަދި ބެންޗް ދައްކާލުމާއި، އެޗްޑީސީގެ ޓެލެކޮމް ޓަވަރުތައް ވަނީ ދައްކާލައިފައެވެ.

މީގެ އިތުރުން ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ބޭނުންވާ އަސާސީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކާ ބެހޭ މައުލޫމާތު ދިނުމާއި މި ވިއުގައިގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާ ސްމާޓްކޮމްގެ ނެޓްވޯކް އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ވެސް ބައިވެރިންނަށް ވަނީ ދައްކާލާފައެވެ. އަދި ގެތަކަށާއި ފްލެޓުތަކަށް ފައިބާ ޓު ދަ ހޯމް ކަނެކްޝަން ދިނުމަށް ބޭނުންކުރާ އޯއެންޓީ ގުޅާނެ ގޮތުގެ އަމަލީ ކަންކަން ވެސް ޕްރޮގްރާމުގައި ބައިވެރިވި ކުދިންނަށް ވަނީ ދައްކާލައިފައެވެ.

އެޗްޑީސީން ކުރިއަށް ގެންދާ އެހެން މަސައްކަތްތައް ފަދައިން ސްމާޓް ސިޓީގެ މަސައްކަތްތަކަކީ ކޮމިއުނިޓިއާ ވަރަށް ބޮޑަށް ގުޅިގެން ކުރެވޭ މަސައްކަތެއް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ތައުލީމީ ދާއިރާ އަކީވެސް ޒަމާނީ ސްމާޓް ސިޓީއެއްގެ މުހިއްމު ރޯލެއް އަދާކުރާނެ ދާއިރާ އަކަށް ވާތީ މިފަދަ ހަރަކާތްތަކަކީ މުސްތަގްބަލުގައި ސްމާޓް ސިޓީއަކަށް ބޭނުންވާ ހުނަރުވެރިން އުފެއްދުމަށް މުހިއްމު ކަމެއް ކަމުގައިވެސް އެޗްޑީސީން ބުންޏެވެ.