ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް 10000 ރުފިޔާގެ ވެރިފަރާތެއް ހޯދަން ފުލުހުންގެ ޚިދުމަތުން އިއުލާން ކޮށްފި އެވެ.

ފުލުހުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެފައިސާ ތަކަކީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 12:04 އެހައިކަންހާއިރު ބޮޑުތަކުރުފާނު މަގު، 1 ނަމްބަރު ފާލަން ހިމެނޭ ސަރަހައްދުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާ ކަމަށެވެ.

Ad
rt

އެފައިސާ ހުރީ ހުދުކުލައިގެ ސިޓީއުރައެއްގައި ކަމަށް ފުލުހުން ވިދާޅުވި އެވެ.

މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށް މިހާތަނަށް ފުލުހުންކުރި މަސައްކަތުން ވެރިފަރާތް ހޯދިފައެއް ނުވާ ކަމަށާއި މި ފައިސާތަކުގެ ވެރިފަރާތުން، ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާތަކާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ 9631696 އަށް ގުޅުއްވުމަށް ވަނީ އެދިފަ އެވެ.

މަގުމަތިން ހޮވައިގެން ގެންނަ މިފަދަ ފައިސާ ހަވާލު ކުރަނީ ފުލުހުން ނާއެވެ. ފުލުހުން މިތަކެތީގެ ވެރިން ހޯދުމަށް ގިނަފަހަރަށް އިޢުލާން ކުރެއެވެ.

މީގެ ކުރިންވެސް ވަރަށް އަގު ބޮޑެތި ސާމާނު ހޮވައިގެން، ފުލުހުންނާއި ހަވާލުކޮށްފައިވެއެވެ.

މިރާއްޖޭގެ މުޖުތަމަޢުގައި ވައްކަމާއި ފޭރުމާއި ޓެކުން އަދި އޮޅުވާލައިގެން ފައިސާ ހޯދުން އާންމު ވެފައިވާއިރު، މިފަދަ ބޮޑު އަދަދެއް ހޮވަން ލިބުމާއި އެކުވެސް އޭގެ ހައްގުވެރި ފަރާތަށް ހަވާލުކުރަން ނިންމުމަކީ މިމުޖުތަމަޢުގައިވެސް އަމާނާތްތެރިން ތިބިކަން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ. ހައްޤުނޫން ފައިސާއެއް ބޭނުން ކުރަން، ފަސްޖެހޭ ދިވެހިން އުޅޭ ކަމުގެ ނިޝާނެކެވެ.