ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދޭނެ ޑައިވް އިންސްޓްރަކްޓަރުން ތަމްރީނުކުރަން ޕްރޮގްރާމެއް ފަށައިފި އެވެ.

ޔޫއެސްއޭ އަދި އެޓޯލްސް ވޯލްޑާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ "ޕޮސައިޑަން ހޭންޑީކެޕް ސްކޫބާ އެޑްވެންޗަރސް" މި ޕްރޮގްރާމް އިފްތިތާހު ކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

Ad
rt

އެ ރަސްމިއްޔާތުގައި ޑރ. މައުސޫމް ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޗުއްޓީ ދަތުރުތަކުގެ ތަޖުރިބާ މުއްސަނދި ކުރުމަށް ސަލާމަތްތެރި އަދި ދަތުރު ކުރަން ފަސޭހަ ފިޔަވަޅުތަކެއް ތަންފީޒު ކުރުމަށް ގަދައަޅާ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އާދަރަން ރިޒޯޓްސް އާއި އެހެން ބައެއް ޑައިވް ސެންޓަރުތަކުގައި މި ތަމްރީން ހިންގާނީ ޔޫއެސްއޭ އެޓޯލްސް ވޯލްޑް، އޮތެންޓިކާ 360 އާއި، އަދާރަން ރިޒޯޓްސް ޑައިވް ޕޮއިންޓް އަދި ޔަންގް އެންވާރަމަންޓަލިސްޓްސް ޕްރޮގްރާމް ގުޅިގެން ނެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ޑައިވްކުރަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ނަތީޖާއަކަށް ވާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ދިވެހިރާއްޖޭގެ ކަނޑުފަޅާއި، މުރަކައިގެ ބަގީޗާތައް ދެކި ތަޖުރިބާ ކުރުމަށް ދައުވަތު ދިނުމުގެ ފުރުސަތު ހުޅުވާލުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި މި ޕްރޮގްރާމްގައި ކަނޑުފަޅުގެ ދިރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ގުޅޭ ފަންނީ ހުނަރާއި، މައުލޫމާތު ވެސް ފޯރުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެޓޯލްސް ވަރލްޑް އަދި އޮތެންޓިކާ 360 ގެ މެނޭޖިންގ ޑިރެކްޓަރ ބައްސާމް އާދަމް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީ އަދި އެންމެންނަށް ބައިވެރިވެވޭ، ފަހި ފަތުރުވެރިކަމެއް ތަރައްގީ ކުރުމުގެ މަސައްކަތުގައި އެޓޯލްސް ވޯލްޑް އަބަދު ވެސް އިސްނަގާނެ ކަމަށެވެ. އަދި މިއީ އެޓޯލްސް ވޯލްޑްގެ އެކަނި ޕްރޮގްރާމެއް ނޫން ކަމަށާއި ދިވެހިރާއްޖެއަކީ އެންމެނަށް ވެސް މަރުހަބާ ކިޔޭނެ ފަތުރުވެރިކަމެއް އޮތް ގައުމެއްކަން ކަށަވަރު ކުރުމަށް ހުރިހާ އެންމެން އެއްބާރުލާ މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުންގެ ތެރޭގައި މިނިސްޓަރ އޮފް އެންވާރަމަންޓް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ އާއި، މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އާއި، މިނިސްޓާ އޮފް ސްޓޭޓް ފޮ ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިފްހާމް ހުސެއިން ހިމެނިވަޑައިގަންނަވަ އެވެ. އަދި މަޓީ، އެންބީއޭއެމް، އެންޖީއޭއެމް، މަޓާޓޯގެ އަދި އާޓާގެ ފަރާތުން މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފަ ވެއެވެ.