ޓެލެގްރާމް ޗެނެލެއްގައި ލޯބި ޖައްސާށާއި ވަރިކުރުވުމަށް ސިހުރު ހަދައިދޭކަމަށް އިސްތިހާރުކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ މައްސަލައާއި ގުޅިގެން ރުގްޔާކުރާ މީހުންގެ ޖަމިއްޔާ، "ދި އިސްލާމިކް އެކްސޮސިޒަމް" އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޓެލެގްރާމް ޗެނެލްގައި ހުރި މަޢުލޫމާތުތަކަށް ބަލާއިރު، މި ޗެނެލް ހިންގާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާޅުގައި ލޯބި ޖައްސާ ސިހުރާއި، ވަރިކޮށް ދުރުކުރުވާ ސިހުރު ހެދުން އިސްތިހާރު ކުރަމުން އަންނަ ކަމަށެވެ.

Ad
rt

އެ ޖަމިއްޔާއިން ބުނިގޮތުގައި އެ ޓެލެގްރާމް ޗެނަލް މެދުވެރިކޮށް ސިހުރުން ސިހުރު ރައްދުކުރުމާއި ސިހުރުން ސިހުރު ބާޠިލް ކުރުމާއި، ފާލުބެލުމާއި އަތްބެލުން ފަދަ ކަންކަން ވެސް އަންނަނީ ހިންގަމުންނެވެ. އަދި ރިޒްޤު ތަނަވަސްކޮށްދޭނެ ކަމަށް ބުނާ ސިހުރާއި، ގެެއްލިފައިވާ ތަކެތި ހޯދިދާނެކަމަށް ބުނާ ސިޙުރާއި، ސިޙުރު ހަދާ މީހާ ހޯދައި، އެމީހަކަށް އަދަބު ދޭގޮތަށް ހެދޭނެ ސިޙުރު ހަދައިދޭ ކަމަަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން ޒަވާޖީ ހަޔާތުގައި ކުރިމަތިވާ އެންމެހައި މައްސަލަތައް ސިޙުރުން ޙައްލުކޮށްދިނުމާއި، ގޭގެއަށް ހަދާފައިވާ ސިޙުރު، ސިޙުރުގެ ޒަރީއާއިން ބާޠިލްކުރެވޭނެ ކަމަށާ އަދި ޢަދާވާތްތެރިންނާއި، ހަސަދަވެރިންގެ ނަމާއި އެމީހުންގެ ސިފައާއި ފުރިހަމަ ވަނަވަރު ހާމަކޮށް ދޭނެ ކަމަށް ބުނެ އެ ޗެނަލްގައި އިސްތިހާރު ކުރަމުން އަންނަކަން އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފަ އެވެ.

"އެންމެ ނުރައްކާތެރިކަމަކީ، މި ޗެނަލްގައި މިފަދަ ހުރިހާ ސިޙުރުތައް ހެދުމަށް ބޭނުންކުރަމުންދާކަމަށް ހާމަކޮށްފައިވާ ފޮތަކީ، ދުނިޔޭގައި ސިޙުރުވެރިން ސިޙުރު ހެދުމަށް ބޭނުންކުރަމުން އަންނަ އެންމެ ބޮޑު އަދި އެންމެ ގެއްލުން ދެނިވި ސިޙުރުތައް އެކުލެވިގެންވާ އެއް ފޮތް ކަމުގައިވުމެވެ. ހަމަ މިއާއިއެކު، ފާޅުގައި މި ފޮތުގައި ހުރި ސިޙުރުތައް މީހުންނަށް އުނގަންނައިދީ، މިކަން ދަސްކޮށްދިނުމަށް ހިއްވަރުދިނުމަށް ޗެނަލްގައި ގޮވާލާފައިވުމަކީ ވަރަށް ބިރުވެރި އަދި އެހާމެ ފިތުނަ ފަސާދަތައް ޢާއްމުވެގެންދާނެ ކަމެކެވެ. އަދި އަޅުގަނޑުމެން ބެލި ބެލުމުން، މިހާތަނަށް، ޖުމްލަ 600 އަށް ވުރެ ގިނަ މީހުން މި ޓެލެގްރާމް ޗެނެލްގައި އެބަ ތިއްބެވެ. ހަމަ އެހެންމެ މި ޗެނެލް ހިންގާ ފަރާތުން، އަމިއްލަ ނަމުގައިވެސް ސިޙުރު ހަދަން ދަސްކޮށްދިނުމަށް އިތުރު ޓެލެގްރާމް ޗެނެލެެއް ވެސް ވަނީ ހަދާފައެވެ. މި ޗެނެލްއަށް މިހާތަނަށް 11 ފަރާތަކުން ސަބްސްކްރައިބް ކޮށްފައިވެއެވެ." ނޫސް ބަޔާނުގައި ވެއެވެ.

އެޖަމިއްޔާ އިން ބުނީ، މިފަދަ ކަމަކާއި ގުޅިގެން މިއަހަރު ސެޕްޓެމްބަރު މަހުގެ 03 ވަނަ ދުވަހު ނެރެފައިވާ ބަޔާނުގައި މިކަންކަމުގެ ނުރައްކާތެރިކަން ހާމަކޮށް ގެނެސްދީފައިވާނެ ކަމަށާއި މިގޮތުން މަތީގައި ބަޔާންކުރެވުނު ކަންކަމަކީ ޝިރުކުގެ ޢަމަލުތަކެއް ކަމަށެވެ. އަދި ޝިރުކަކީ އެންމެ ބޮޑު ފާފަކަމަށާއި، ޝިރުކު ކުރާ މީހުން އިސްލާމްދީނުގެ މިއްލަތުން ބޭރެވެގެން ދާނެ ކަމުގައި ޢިލްމުވެރިން ފަތުވާ ދެއްވާފައި ކަމުގައި ވެސް ތަފްޞީލުކޮށްދީފައިވާނެ ކަމަށް ބަޔާނުގައި ވެއެވެ.