ހދ. ނޮޅިވަރަންފަރުގެ ކަނބަލުންނަށް ހާއްސަކޮށްގެން އެރަށުގައި ޕޭސްޓްރީ ކޯހެއް ހިންގުމަށް އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ނިންމައިފިއެވެ.

މި ކޯސް ހިންގުމަށް ނިންމާފައި ވަނީ، ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، "އަމްސް ކޭކްސް" އާ ގުޅިގެންނެވެ.

Ad
rt

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވިދާޅުވިގޮތުގައި، މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މަދުވެގެން 20 ބައިވެރިން ހަމަވުމުންނެވެ.

މި ކޯހުގެ ފީއަކީ ކޮންމެ ބައިވެރިއަކަށް 1500 ރުފިޔާ އެވެ. ނަމަވެސް ކޯސް ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީގެ ފަރާތުން ބައިވެރިވާ ބައިވެރިންގެ ފީގެ ތިންބައިކުޅަ އެއްބައި (ފަސްސަތޭކަ ރުފިޔާ) ދައްކާގޮތަށް ވަނީ ނިންމާފަ އެވެ.

މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ނޮޅިވަރަންފަރު ކައުންސިލު އިދާރާގެ ކައުންޓަރުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްތޯބަރ 24 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށެވެ. އަދި ފޯމާއި އެކު މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއްް ހުށަހަޅަން ޖެހެއެވެ.

މިކަމާއި ގުޅިގެން އެ ކޮމެޓީގެ މެމްބަރު އާމާލް މުހައްމަދު، ތިލަދުން އަށް ވިދާޅުވީ މިއީ ފަސް ދުވަހުގެ މުއްދަތަށް ހިންގާ ކޯހެއް ކަމަށެވެ. އަދި ކޯސް ފެށުމަށް މިހާރުތާވަލުކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހު ކަމަށެވެ. ނަމަވެސް ތާވަލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އާމާލް ވިދާޅުވި އެވެ.

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މީގެ ކުރީން ވެސް ވަނީ މިފަދަ ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ.