ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ޚާއްސަ ހަރަކާތް، "ރިވެލި ތަރި" މައުރަޒު އަންނަ މަހު ބާއްވާގޮތަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހަމަޖައްސައިފި އެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ މައުރަޒެކެވެ.
ނޮވެމްބަރު 14 އިން 15 އަށް ބޭއްވުމަށް ތާވަލުކޮށްފައިވާ މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ. އަދި ބައިވެރިވުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 30 ވާ އާދިއްތަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށެވެ.
'ރިވެލި ތަރި' މައުރަޒުގެ ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާ އެކީ ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ފޯމު ހުށަހަޅާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ އާއި މައުރަޒުގައި ބައިވެރިކުރާ އުފެއްދުމުގެ ފޮޓޯ އަދި ވީޑިއޯ (ފޯމު ހުށަހަޅާ މީހާގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރ ޖަހައި) ހިމެނެ އެވެ.
މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް ކުރާނަމަ ފޮނުވާނީ، disability@gender.gov.mv އަށެވެ. ފޯމު ފުރިހަމަ ކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ކައުންޓަރަށެވެ.
މި މައުރަޒުގައި ބައިވެރިކުރާ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 02 ވަނަ ހަފުތާގެ ތެރޭގަ އެވެ. އަދި މިކަމާއި ގުޅިގެން މި މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މިނިސްޓްރީން ގުޅައި މިކަމާއި ގުޅުންހުރި މަޢުލޫމާތު ހިއްސަކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ސީޓްރެކް ބިލްޑިންގް، 7ވަނަ ފަންގިފިލާ) ގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް http://www.gender.gov.mv އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!