ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަހްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީން ވިދާޅުވެފައިވަނީ މިއީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާޢީ މައްސަލައެއްގައި ޚުލާސާ ބަޔާން އިއްވުމަށްފަހު، ޙުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މައްސަލައިގެ ޙުކުމް ކޮށްފައިނުވާތީ، ބަލާ މައްސަލައެއް ކަމަށެވެ.

Ad
rt

ޖޭއެސްސީން ވިދާޅުވީ މި މައްސަލައާ ގުޅިގެން މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލަ ބެލުމަށް 2022 އޮކްޓޫބަރު 05 ވީ ބުދަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 69 ވަނަ ޖަލްސާއިން ނިންމާ، މި މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

މި އަހަރުގެ މާރޗް މަހު ވެސް މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ މައްސަލައެއް ބަލަން ނިންމި އެވެ.

އެގޮތުން މާރިޗް 3 ގައި ޖޭއެސްސީން ވިދާޅުވެފައިވަނީ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދު މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގަ އާއި އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބެލެވޭތީ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރުމަށް މި ކޮމިޝަންގެ “މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ” އިން ނިންމާފައި ވާތީ، 2022 މާރޗް 02 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 14 ވަނަ ޖަލްސާގައި އެ މައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވާ ކަމަށެވެ.

ނަމަވެސް ސުލޫކީ އެ މައްސަލަ ނިމުނު ގޮތުގެ ތަފްސީލު އެނގިފައެއް ނުވެއެވެ.