ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއް ހަމައެއްގައި ދަނޑުވެރިކަން ކުރުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ދަނޑުވެރިން ހޭލުންތެރި ކުރުމުގެ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްބެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ދަނޑުވެރިކަމުގެ ވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކ. ކާށިދޫގައި މިއަދު އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ދަނޑުވެރިކަން ކުރަން ލިބޭ ކުޑަ ބިންކޮޅުން ރަނގަޅު ނަފާއެއް ހޯދޭނެ ގޮތަކަށް ދަނޑުވެރިކަން ކުރުމަށް ވެސް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ވޯކްޝޮޕްގެ ބައިވެރިއެއް ކަމަށްވާ އަޙްމަދު ފަލާޙް ބައިވެރިންގެ ފަރާތުން ޝުޢޫރު ފާޅު ކުރައްވާ ވަނީ ވޯކްޝޮޕްގެ ތެރެއިން ގިނަގުނަ މަޢުލޫމާތު ލިބުނުކަން ފާހަގަކޮށް، ވޯކްޝޮޕް ކުރިއަށް ގެންގޮސްދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
ހާއްސަކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އެސްޑީއެފްސީ، އަޔާދީ ތަކަފުލް، ބިސްނަސް ސެންޓަރ ކޯޕަރޭޝަން، އެގްރޯނެޓަށް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރިއަށް އޮތް ތަނުގައި ހުރި ގޮންޖެހުންތައް ނައްތާލުމައް ސަރުކާރުގެ އެއްބާރުލުން ދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
މި ވޯކްޝޮޕް ނިންމުމުގެ ރަސްމިއަޔާތުގައި ކ. ކާށިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާމިރު ދެއްކެވި ވާހަކައިގާ ވޯކްޝޮފްގެ ތެރެއިން ލިބުނު އިލްމު ބޭނުންކޮށް، ކުރިއަށް އޮތް ތަނުގައިވެސް އައު މަޢުލޫމާތު އަދި ތަޖުރިބާ ހޯދައި، ކާށިދޫގެ ދަނޑުވެރިކަން ކުރިއަށް އޮތް ތަނުގައި އެ މަޢުލޫމާތު ބޭނުންކޮށްގެން މި ރަށުގެ ދަނޑުވެރިކަން ކުރިއެރުވުމަށްއެދިލެއްވި އެވެ.
މި މަހުގެ 12 އިން ތިން ދުވަހަށް ކުރިއަށްގެންދިޔަ މި ޕޯކްޝޮޕްގައި 29 ދަނޑުވެރިންގެ ބައިވެރިވެފައިވާއިރު، އެ އެންމެންވެސް ވަނީ ވޯކްޝޮޕް ފުރިހަމަކޮށްފަ އެވެ.
މި ވޯކްޝޮޕް ގައި ދަނޑުވެރިންނަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކުން ވަނީ މައުލޫމާތު ހުށަހަޅައިދީފަ އެވެ. މައުލޫމާތު ހުށަހަޅުއްވައި ދެއްވާފައިވަނީ ކަމާގުޅުންހުރި އެކި އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުން ނެވެ.
މައުލޫމާތު ފޯރުކޮށްދެއްވުމުގައި ޙަރަކާތްތެރިވި ފަރާތްތަކުގެ ތެރޭގައި މިނިސްޓްރީގެ ރިސޯސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އެސް.އެމް.އީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)، އަޔާދީ ތަކަފުލް، ބިސްނަސް ސެންޓަރ ކޯޕަރޭޝަން، އެގްރޯނެޓް އަދި ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ވަނީ ދަނޑުވެރިންނަށް މައުލޫމާތު ފޯރުކޮށްދެއްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!