އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ، އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރ ފިލް ފޮޑެން ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.
އުމުރުން 22 އަހަރުގެ ފޮޑެން ކުރިން ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ފޮޑެން ވަނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސިޓީގައި މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފައެވެ.
ސިޓީގެ ސީނިއާ ޓީމުގައި ހިމެނިގެން ފޮޑެން ފުރަތަމަ ކުޅެފައި ވަނީ 2017 ވަނަ އަހަރުއެވެ. ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޮޑެން މިހާތަނަށް އެ ޓީމަށް 182 މެޗު ކުޅެދީފައިވާއިރު، އެ މެޗުތަކުގައި އޭނާ ވަނީ 52 ލަނޑު ޖަހައިދީފައެވެ. ފޮޑެންއަކީ މެންޗެސްޓާ ސިޓީގެ އެކަޑަމީގެ ކުޅުންތެރިއެކެވެ.
އެއްބަސްވުން އައުކުރުމަށް ފަހު ފޮޑެން ބުނެފައި ވަނީ އޭނާއަކީ މުޅި އުމުރުގައި ވެސް ސިޓީގެ ސަޕޯޓަރެއް ކަމަށާއި، އެތައް އަހަރެއް ވަންދެން ސިޓީގެ އެކަޑަމީގައި ތަމްރީންތައް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. ސިޓީގެ އެއްބަސްވުން އައުކުރެވުމުން ވަރަށް އުފާވާ ކަމުގައި އޭނާ ވަނީ ބުނެފައެވެ. އަދި 2027 ވަނަ އަހަރުގެ ނިޔަލަށް ސިޓީގައި ހުރެވޭނެތީ އެކަމާއި ވެސް ވަރަށް އުފަލުން ހުރިކަމުގައި އޭނާ ވަނީ ބުނެފައެވެ.
ފޮޑެންއަކީ މިހާރު އިންގްލެންޑްގެ ގައުމީ ޓީމްގެ ވެސް ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް އިންގްލެންޑްގެ ސީނިއާ ޓީމަށް 18 މެޗު ކުޅެ 2 ލަނޑު ޖަހައިދީފައެވެ.
މެންޗެސްޓާ ސިޓީއާއިއެކު ފޮޑެން ވަނީ 11 ތައްޓެއް ކާމިޔާބު ކޮށްފައިވާއިރު ޕްރިމިއާ ލީގު ހަތަރުފަހަރު ކާމިޔާބު ކުރުމުގެ އިތުރުން އޭނާ ވަނީ އެފްއޭކަޕާއީ ލީގުކަޕްގެ އިތުރުން ކޮމިއުނީ ޝީލްޑް ވެސް ސިޓީއާއިއެކު ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!